މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް އެގައުމުގައި ތިބެގެން ދިވެހި އިސްލާމް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ދުންޔާ ވިދާޅުވީ އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި އަދި އިސްލާމު ކުލާސްތައް ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިހާރު ދަނީ ލަންކާގައި އެފަދަ ކުލާސްތައް ހިންގަމުންނެވެ. އަދި ކުރިއަށްއޮތްތަނުގައި ދިވެހިން އާންމުކޮށް ދިރިއުޅޭ އެހެންގައުމުތަކުގައި ވެސް އެފަދަ ކުލާސްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

މެލޭޝިއާގައި މޯލްޑިވިއަން ކަލްޗަރަލް ސެންޓަރެއް ގާއިމު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ފަހި ގޮތްތައް ހަމަޖައްސަވައިދެއްވައި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަށްކަށް ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަކީ މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މުހިންމު ބައެއްކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.