ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި މާލެއާއި ލ. އަތޮޅާ ދޭތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މާލެ އާއި ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ބެލެވޭއިރު އުތުރުގެ ސަރަހައްދުތަކަށް ހޫނުގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ދެކުނަށާއި މެދު ރާއްޖެ ތެރެއަށް ކޮންމެވެސް ވަރެއްގެ ކެރިކޮޅެއް އެބައުޅޭ، އެކަމަކު މޫސުން ގޯހެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

ވައިގެ ބާރުމިން ހުންނާނީ ތިން މޭލާއި 10 މޭލާ ދޭތެރޭގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުޑަކޮށް ކެރީގެ އަސަރު ކުރިނަމަވެސް މޭމަހުގެ 22 އާއި ހަމައަށް ހޫނު ވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން 34 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާނެ ކަމަށްވެސް މެޓްއޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ.