ކ. ފޭދޫފިނޮޅުގައި ގާއިމްކޮށްފައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލައިފި އެވެ. މިއީ އެތަނުގެ ހާލަތު އެ ކޮމިޝަނުން ބެލި ފުރަތަމަ ފަހަރެވެ.

އެޗްއާރުސީއެމުން ކަސްޓޯޑިއަލަށް މިއަދު ޒިޔާރަތްކުރިއިރު، މިވަގުތު އެތަނުގައި ބަންދުގައި އެއްވެސް މީހަކު ނެތެވެ.

އެޗްއާރުސީއެމުން ބުނީ، އެތަން ބެލުމުގެ މަގްސަދަކީ ތަހުގީގަށް މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނަށް އަނިޔާވެރިވެ، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލު ހިންގާތޯބެލުން ކަމަށެވެ.

މީގެ އިތުރުން، ބަންދުގައި ހުންނަ މީހުންނަށް އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިންގާތޯ ބެލުމާއި އަދި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާއްމު ހާލަތާއި މުވައްޒަފުންގެ ހާލަތު ބެލުމަކީ ވެސް އެ ކޮމިޝަނުގެ މަގްސަދެކެވެ.

ނަމަވެސް އެ ތަނަށް ޒިޔާރަތްކޮށް ބެލި ބެލުމުން ފާހަގަކުރެވުނު ކަންތައްތައް އެޗްއާރުސީއެމުން ބުނެފައެއްނުވެއެވެ.

އެ ކޮމިޝަނުން ބުނީ، ޒިޔާރަތަށްފަހު ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ތަފްސީލީ ރިޕޯޓެއް ފޭދޫ ފިނޮޅު ކަސްޓޯޑިއަލް އަށާއި ފުލުހުންނަށް އަދި ކަމާގުޅޭ އިދާރާތަކަށް ހިއްސާކުރާނެ ކަމަށެވެ.