އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު ށ. ފުނަދޫ ދިނަށަ، މަރާލިކަމަށް އޭނާގެ މަންމަ އާމިނަތު ޝާހިދާ އިއުތިރާފުވެފައިވާ ކަމަށާއި ހާދިސާ ހިނގި އިރު ޝާހިދާގެ ނަފްސާނީ ހާލަތު ހުރިގޮތް ދެނެގަތުމަށްޓަކައި އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ޝާހިދާގެ ސިއްހީ އަދި ނަފްސާނީ ހާލަތު ވަޒަންކުރުމަށްޓަކައި މާލެ ގެނެސް ޑޮކްޓަރަށް ދައްކައި ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހެދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.

"މި އަމަލު ހިންގިއިރުގެ ހާލަތު ހުރިގޮތް އެންމެ ރަނގަޅަށް އެނގޭނީ ސައިކޮލޮޖިކަލް އެސެސްމެންޓުތަކަށްފަހު. އަދި މިހާރުސައިކެޓްރިސްޓަކަށް ދައްކައިގެން ނަފްސާނީގޮތުން އޭނާ އަށް ދިމާވެފައިވާ ކަންކަން ވަޒަންކޮށް ފަރުވާދިނުމުގެ ކަންތައް ވެސް ކުރިއަށް އެބަދޭ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، ޝާހިދާ އަކީ ނޫމަރާއަށް ނިސްބަތްވާ މީހެއް ކަމަށާއި ޝައިހާގެ ބައްޕަ ފަޔާޒު އަލީއާ ކައިވެނިކުރުމަށްފަހު 2008 ވަނަ އަހަރު ދިރިއުޅުން ށ. ފުނަދުއަށް ބަދަލުކުރި އިރު އޭނާގެ ރަޖިސްޓްރީވެސް އެރަށަށް ވަނީ ބަދަލުކޮށްފައި ކަމަށެވެ.

އޭގެފަހުން އަނެއްކާ ނޫމަރާއަށް ދިރިއުޅުން ބަދަލުކުރީ ޝައިހާ މަރާލުމުގެ ދުވަސްކޮޅެއް ކުރިން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. ތޫނުއެއްޗަކުން ހަމަލާދީ ޝައިހާ މަރާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ.

ށ. ފުނަދޫގައި އުޅުނުއިރު ނިދަން އުނދަގޫވުމާއި އަދި ނަފްސާނީގޮތުން ދިމާވާ އެހެން މައްސަލަތައް ޝާހިދާއަށް ދިމާވެފައިވާ ކަމަށާއި ދަރިފުޅު މަރާލިއިރު އޭނާ ދިޔައީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ސައިކޮލޮޖީގެ ފަރުވާއަށްދީފައިވާ ބޭސްތައް ކަމުން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން ނޫމަރާ ރީޑަސްވިލާ އަށް ދިޔައިރު ކޮޓަރީގެ އެނދުމަތީގައި ޝައިހާ މަރުވެފައި އޮއްވައި ފެނުނު ކަމަށާއި އޭނާ މަރާލި އިރު އުމުރުން ހަ އަހަރުގެ އިތުރު އަންހެން ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އެ ހާދިސާ ހިނގިއިރު ޝައިހާގެ ބައްޕަ ފަޔާޒު ހުރީ ތ. އަތޮޅުގައި ވަޑާމުގެ މަސައްކަތެއް ކުރުމަށް ގޮސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވައަތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.