29 Mar 2016, 19:00
މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ މަކަރުގައި ޖެހި ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން މިއަހަރުވެސް 10 މީހަކު ހައްޖަށް ފޮނުވަން ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސް އަށް ފައިސާ ދައްކައިގެން 2012 ވަނަ އަހަރު 126 މީހަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
އިސްލާމިކް މިނިސްޓްރީ ބުނީ، މަލީޝާ ހައްޖު ގްރޫޕަށް ފައިސާ ދައްކައި، ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން 52 މީހަކު ސަރުކާރުގެ ހަރަދުގައި މިހާރު ހައްޖަށް ގެންގޮސްފައިވާއިރު، ބާކީ ނުދެވި ތިބީ 77 މީހުން ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަލީޝާގެ މަކަރުގައި ޖެހުނު މީހުން ހައްޖަށް ގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއެކުގައެވެ.
މީގެ ކުރިން އަހަރުތަކުގައި ވެސް މަލީޝާގެ މަކަރުގައި ޖެހުނު މީހުންގެ ތެރެއިން މީހުން ހައްޖަށް ގެންދަނީ ގުރުއަތު ނަގައިގެންނެވެ.
މަލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ދައުލަތުން ވަނީ، ހައްޖަށް ގެންގޮސްދޭނޭކަމަށް ބުނެ، ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެފައިސާއަށް ހިޔާނަތްތެރިވުމުގެ ދައުވާ އުފުލައިފައެވެ.