29 Mar 2016, 17:12
އިޖިޕްޓްއެއާގެ އެމްއެސް181 ހައިޖެކް ކުރި މިސްރުގެ އިބްރާހިމް ސަމާހާ ހައްޔަރުކޮށްފައިވާ ކަމާށް ސައިޕްރަސް ސަރުކާރުން ބުނެފި އެވެ.
މިސްރުގެ އެލްގްޒެންޑްރިއާ އިން ކައިރޯ އަށް ދަތުރު ކުރި އެ ބޯޓު ސައިޕްރަސްގައި ޖައްސަން ޖެހުނީ ގޮވާޒާތުގެ ތަކެތި ހަރުކޮށްފައި ހުރި ބެލްޓެއް އަޅައިގެން ހުރި ފަސިންޖަރަކު ޕައިލެޓަށް މަޖުބޫރު ކުރުވުމުން ކަމަށް މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ކުރިން ބުނި ނަމަވެސް އެއީ ކަށަވަރު މައުލޫމާތެއް ނޫން ކަމަށް ފަހުން ވަނީ ބުނެފަ އެވެ.
ބޯޓު ހައިޖެކް ކުރި މީހާ ހައްޔަރުކޮށްފައި ވާކަން، އިޖިޕްޓްއެއާ އިންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
Official sources at EGYPTAIR declared the release of all the hostages and the arrest of the hijacker.#EgyptAir
— EGYPTAIR (@EGYPTAIR)March 29, 2016
ހައިޖެކް ކުރި ބޯޓު ސައިޕްރަސް އަށް ޖެއްސުމަށްފަހު، އިބްރާހިމް ސަމާހާ ވަނީ ކްރޫ މެމްބަރުންނާއި ބޭރު ގައުމުގެ ހަތަރު މީހަކު ފިޔަވައި ދެން ތިބި ފަސިންޖަރުން ދޫކޮށްލުމަށް އެއްބަސްވެފަ އެވެ.
އެ މީހާ ހައްޔަރުކޮށްފައި ވާއިރު، ބޯޓުން ދޫ ކުރި މީހުން އަނބުރާ މިސްރަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސައިޕްރަސްގެ ރައީސް ވަނީ ސަމާހާ، އެ ބޯޓު ހައިޖެކް ކުރީ އަމިއްލަ ބޭނުމެއްގައި ކަމަށާއި، ބޯޓު ހައިޖެކް ކުރުމާ "ޓެރަރިޒަމްއާ ގުޅުމެއް ނެތް" ކަމަށް ވިދާޅުވެފަ އެވެ.
ހަބަރުތައް ބުނާ ގޮތުން ސަމާހާ ބޯޓު ހައިޖެކް ކުރީ އޭނާގެ ކުރީގެ އަނބިމީހާއަށް ސިޓީއެއް ރައްދު ކުރުމުގެ މަގުސަދުގަ އެވެ.
އެއާބަސް 320 މަރުކާގެ ބޯޓެއް ކަމަށް ލަފާކުރެވޭ އެ ބޯޓުގައި 81 ފަސިންޖަރުން ތިބި ކަމަށް އިޖިޕްޓް އެއާގެ ޓުވީޓްތަކުގައިވެ އެވެ.