29 Mar 2016, 17:08
މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހ. ލާލުގޭ ގޯޅިގަނޑުގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު ލ. ގަން، ތުނޑި، ބާބުލްއަވާލީ ހައްވާ ޒުހާ މަރާލާފައި ވަނީ އޭނާއާ އެކު ޖިންސީ ގުޅުން ހިންގުމަށްފަހު އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރޭގައި ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ ޒުހާ މަރާލީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބަނގުލަދޭޝްގެ މީހެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ޒުހާ މަރާލީ ކީއްވެގެންކަން ބަންގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސުމޮން މިއާ ފުލުހުންގެ ތަހުގީގަށް ކިޔައިދީފައިވާ ކަމަށެވެ.
"މިކަމުގައި އޭނަގެ ބައިވެރިވުން އޮތް މިންވަރު އޭނާ ވަނީ ތަހުގީގަށް ކިޔައި ދީފައި. އަދި އޭނައާ ހައްވާ ޒުހާއާ އޮތް ގުޅުމާއި އެތަނަށް އޭނަ ދާންޖެހުނު ސަބަބުތައް އަޅުގަނޑުމެންނަށް ކިޔައިން. އެ މައުލޫމާތުގެ އަލީގަ އާއި ހައްވާ ޒުހާގެ ހަށިގަނޑުން ނެގުނު އެކި ސާމްޕަލްތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ އެ ދެ މީހުންގެ ދެމެދުގައި ޖިންސީ ގުޅުމެއް ހިންގުމަށްފަހު އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރެއިން ހައްވާ ޒުހާ އޭނަގެ އަތުން މަރުވެދިޔައީ ކަމަށް،" ރިޔާޒު ވިދާޅުވިއެވެ.
އެ ބިދޭސީ މީހާ ހޯދިފައި ވަނީ ހ. ލާލުގޭ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖަކުން އޭނާ ފެނިފައި ވާތީ އިތުރަށް ހޯދި ހޯދުންތަކުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރާކަން އެނގިގެން އޭނާ ފިލަން މަސައްކަތް ކުރި ކަމަށާއި ބިދޭސީން މަސައްކަތް ކުރާ ތަނެއްގެ ތެރެއިން ފުލުހުން އޭނާ ހައްޔަރު ކުރީ އެތަނުގެ އެނދެއްގެ ދަށަށް ވަދެ ފިލައި އޮއްވައި ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
ބިދޭސީ މީހާ ތަހުގީގަށް ކިޔައިން ވާހަކަތާކާއި ފުލުހުން ހޯދި ހޯދުންތައް ދިމާވާ ކަމަށާއި ޒުހާގެ ހަށިގަނޑުން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
"އެއީ ގަސްތު މަރެއް ކަމަށް އަޅުގަނޑުމެން ދެކެން. ފެންނަން ހުރި ނިޝާންތަކާއި ޕޯސްޓު މޯޓަމް ރިޕޯޓުން ވެސް އޭނަ ތަހުގީގުގައި ދައްކާފަ ހުރި ވާހަކަތަކާ ދިމާވާކަން އަޅުގަނޑުމެން ފާހަގަކުރަން،" ރިޔާޒު ވިދާޅުވިއެވެ.
ޒުހާގެ ހަށިގަނޑު ބެލިއިރު އޭނާގެ ކަރުން ނިޔަފަތީގެ ނިޝާން ފެންނަން ހުރިއިރު ވައަތް ތިލައިން ނޫފައިގެންފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ހަމައެހެންމެ ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމުގެ ނިޝާންތައް ވެސް ޒުހާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ބިދޭސީ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ޒުހާގެ ޕޯސްޓު މޯޓަމްގެ ފައިނަލް ރިޕޯޓު އަދި ނުލިބޭ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ ރިޕޯޓު ލިބޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެ މައްސަލާގައި މީގެ ކުރިން ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރު ކުރީ ޒުހާ މަރާލާފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރޭގައި އެގޭގައި ދިރިއުޅޭ ފިރިހެނެއް ކަމަށް ބުނެ އެ މީހުން ތަހުގީގަށް މައުލޫމާތުދީފައި ވާތީ ކަމަށެވެ.
ނަމަވެސް އެ ވަގުތު ލިބުނު އެ މައުލޫމާތުގެ އަލީގައި ތަހުގީގުން ހޯދި ހޯދުންތަކުން މަރުވެފައި އޮއްވައި ފެނުނުތަނަށް ޒުހާ ދިޔައީ ދިރިހުއްޓައި އަމިއްލަ އިޚްތިޔާރުގައިކަން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.