29 Mar 2016, 23:58
ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން އެ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ވަގު ފައިސާ ކަމަށް ބެލެވޭ 282000 އެމެރިކާ ޑޮލަރާ އެކު އެއާޕޯޓު ތެރެއިން ހައްޔަރުކޮށްފައި ވަނީ، ޖީން ސީލިއަސް (26) އެވެ. އޭނާ އަކީ އެއާޕޯޓުގައި ރޭމްޕް އެޖެންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ.
އޭނާ ވަނީ އައިޑެންޓިފިކޭޝަން ކާޑު ބޭނުންކޮށްގެން އެއާޕޯޓުގެ "ސްޓެރައިލް އޭރިއާ" އަށް ވަދެފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ޖީން މަސައްކަތް ކުރީ އެއާޕޯޓުގެ ފާހާނައެއްގައި ހުރި މީހަކާ އެ ފައިސާތައް ހަވާލު ކުުރުމަށެވެ.
ނަމަވެސް ފާހާނާގައި ހުރި "ކާކުކަން ނޭނގޭ" މީހާއަށް ފައިސާ ދަބަސް ހަވާލު ނުކުރެވި އުޅެނިކޮށް، އެއާޕޯޓުގެ މެނޭޖަރަކަށް އާދައިގެ ހެދުމުގައި ހުރި ޖީން ފެނިގެން ހުއްޓުވުމަށްފަހު ދަބަހުގައި ހުރި އެއްޗެހި ވަނީ ޗެކުކޮށްފަ އެވެ.
ޖީން ވަނީ ފައިސާ ފޯރުކޮށްދިނުމުގެ ބަދަލުގައި 1000 އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. ނަަމަވެސް އޭނާއަށް ފައިސާ ދޭ މީހުން ނޭނގޭ ކަމަށްވެސް ބުނެފައިވެ އެވެ. އޭނާގެ މައްޗަށް ގަވާއިދާ ހިލާފަށް ފައިސާ ބަދަލުކުރުމުގެ ދައުވާ އުފުލައި ޝަރީއަތް ވަނީ ފަށާފަ އެވެ.
ޖީން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރިއަށްދާއިރު، އެއީ ގަވާއިދާ ހިލާފަށް ފައިސާ ބަދަލުކުރި ފުރަތަމަ ފަހަރު ނޫންކަން ވަނީ އެނގިފަ އެވެ. މީގެ ކުރިންވެސް ޖީން ވަނީ އަހަރެއް ވަންދެން އެ މަސައްކަތް ކޮށްފަ އެވެ.
އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން މިފަދަ ހިޔާނާތުގެ ކަންކަން ފެނުމަކީ ދޭތެރެ ދޭތެރެިން ފެންމަތިވާ މައްސަލަ އެކެވެ.