މާލޭގައި ހުންނަ އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ އިންޑަސްޓްރިއަލް ގޭހާއި ސިގްމާ ދަވާދު، ތިލަފުށިން ލިބޭ ގޮތް ހަމަޖައްސައި، އެމްޓީސީސީ ކަށަވަރުގެ ޑިސްޓްރިބިއުޝަން ޔުނިޓެއް ތިލަފުށީގައި ހުޅުވައިފި އެވެ.

މިއަދު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީ ކަށަވަރު ފިހާރަ އިން ވިއްކާ ޕްރޮޑަކްޓްތައް ތިލަފުށިން ގަންނަން ލިބޭ ހިދުމަތް އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދުގައި އެންމެ ގިނަ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަނަކީ ތިލަފުށްޓަށް ވެފައި، އެ މަސައްކަތްތަކަށް ބޭނުންވާ ބައެއް ތަކެތި އެމްޓީސީސީ އިން ވިއްކާ ކަމަށެވެ.

"މާލޭގައި ހުންނަ ކަށަވަރު ޝޯވްރޫމާއި އަޅުގަނޑުމެންގެ ގުދަނުން ތަކެތި ގަނެގެން ލޮރީޢެއްގައި ބަނދަރާ ހަމައަށް ގެނެސް، ދޯންޏެއް ކުއްޔަށް ހިފައިގެން އެބޭފުޅުން ތިލަފުށީގައި ކުރާ މަސައްކަތް ކުރުމަށް މިތަކެތި ގެނައުމަށް ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވާނެ،" ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް -- ސަން ފޮޓޯ/މާހިލް މުހައްމަދު

އޭނާ ވިދާޅުވީ، އެމްޓީސީސީ އިން ތިލަފުށީގައި ޕްރޮޑަކްޓްތައް ވިއްކަން ފެށީ އެފަދަ ސަބަބުތަކާއި ހެދި، ކަސްޓަމަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެމްޓީސީސީ އިން މައުލޫމާތު ދޭ ގޮތުގައި، އިންޑަސްޓްރިއަލް ގޭހުގެ ގޮތުގައި ބޭނުންކުރެވޭ އޮކްސިޖަން، އާގަން އަދި އެސެޓަލީންގެ އިތުރުން ސިގްމާ މެރިން ޕެއިންޓް، ތިލަފުށީގައި މަސައްކަތް ކުރާ ފަރާތްތަކަށް އެތަނުން ގަންނަން ލިބެން ހުންނާނެ އެވެ.

އަދި ހުރިހާ ޕްރޮޑަކްޓެއް ވެސް ތިލަފުށީން ލިބެން ހުންނާނީ މާލެއިން ލިބެން ހުންނަ އަގުގައި ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ ސޭލްސް އެންޑް މާކެޓް އެގްޒެކެޓިވް އިސްމާއިލް ފާރިގު ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އެމްޓީސީސީ ކަށަވަރުގެ ބްރާންޗެއް ތިލަފުށީގައި ހުޅުވި، އެކުންފުނީގެ ޚިދުމަތް ފުލް ސްކޭލުގައި ދެވެން ފަށާނެ ކަމަށެވެ.