30 Mar 2016, 08:51
މީގެ 15 އަހަރު ކުރިން ރިލީޒް ކުރި އަދި ބޮލީވުޑްގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު، "ތުމް ބިން"ގެ ދެވަނަ ފިލްމެއް ހެދުމުގެ މަސައްކަތް ފަށަން ނިންމައިފި އެވެ.
އެ ފިލްމު ވެގެންދާނީ ޕްރޮޑިއުސަރު ބޫޝަން ކުމާރާއި ޑައިރެކްޓަރު އަނޫބާވް ސިންހާ 15 އަހަރަށް ފަހު އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.
"ތުމް ބިން"ގެ ފުރަތަމަ ފިލްމަކީ މިއުޒިކުގެ ވެސް މަޝްހޫރު ފިލްމެކެވެ. އެގޮތުން ދެ ވަނަ ފިލްމު އެއްކޮށް މިއުޒިކް ކޮމްޕޯސްކުރަން ހަމަޖެހިފައި ވަނީ ހުނަރުވެރި އަންކިތް ތިވާރީ އެވެ. އަދި ފިލްމުތަކުގެ ލަވަތަކުގެ ލިރިކްސް ލިޔަނީ ލިޔުންތެރިޔާ، މަނޫޖް މުންތަޝިރެވެ.
"ތުމް ބިން"ގެ ދެވަނަ ފިލްމުގައި ފެނިގެންދާނީ ޒުވާން އެކްޓަރުން ކަމަށްވާ، ނީހާ ޝަރްމާ އާއި އަދިތްޔާ ސީލް އަދި އަސިމް ގުލާތީ އެވެ. އަދި ފިލްމުގެ ޝޮޓްތައް ނެގުމަށް ހަމަޖެހިފައި ވަނީ ސްކޮޓްލޭންޑުގެ ދެ ސިޓީ، ގުލަސްގޯ އަދި އެޑިންބްރާގަ އެވެ.
ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.