29 Mar 2016, 15:01
ހެލްތު އިންޝުއަރެންސްގެ ހާއްސަ ޕެކޭޖު ލިބިވަޑައިގެންފައިވާ ދައުލަތުގެ އިސްވެރިން، ބޭނުންފުޅުވާ ޕެކޭޖެއް ނަންގަވަމުން އަންނަ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުމުގައި އޮތީ މަޖިލީހުން ކަނޑައަޅަން ޖެހޭ ހެލްތު އިންޝުއަރެންސް ޕެކޭޖުތަކުގެ މައުލޫމާތު ސާފު ކުރުމަށް އެލައިޑު އިންޝުއަރެންސްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ހެލްތު އިންޝުއަރެންސް ޕެކޭޖުތަކަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިގެން މުއައްސަސާތަކުގެ އިސްވެރިންނަށް ދެމުން އަންނަ ޕެކޭޖުތަކެއް ކަމަށެވެ.
"އެއްވެސް މުއައްސަސާއެއްގެ ބޭފުޅަކަށް ތިމަންނަމެން ބޭނުން ވަނީ މި ޕެކޭޖުތަކަކޭ، މިހާވަރެކޭ މިހާވަރެކޭ. އެ ފުރުސަތެއް ނޯންނާނެ އިނގޭތޯ. އެބަހުރި ބައެއް މުއައްސަސާތަކުގެ ބޭފުޅުން ވަރަށް ބޮޑެތި ޕެކޭޖުތައް ނަންގަވާފައި. އެއީކީއެއް އަޅުގަނޑުމެންނަކަށް ގަބޫލުކުރެވޭނެ ކަންކަމެއް ނޫން. އަޅުގަނޑުމެން މުސާރައާއި އޮނިގަނޑު ވަކި މިންތަކަކަށް ފައްތާފައި އޭގެތެރެއިން އެކަންކަން އެ ދަނީ،" ގަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކިވަކި މުއައްސަސާތަކަށް ލިބޭނެ އިންޝުއަރެންސް ޕެކޭޖުތައް އެލައިޑަށް މާލިއްޔަތު ކޮމެޓީން ރަސްމީކޮށް އަންގާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އެލައިޑުން ހާޒިރުވި ފަރާތްތަކުން ބުނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ އަދަދަކަށް ތިބީ މަޖިލީހަށް އާ މެމްބަރުން ކަމަށެވެ. އެގޮތުން އެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ޕެކޭޖުތައް ބޭނުން ކުރާނެ ގޮތްތަކާއި އެ ޕެކޭޖުތަކުން ބޭނުން ކުރެވޭ ހިދުމަތްތަކާއި ނުކުރެވޭ ހިދުމަތްތައް އެނގުން މުހިއްމު ކަމަށެވެ.
އެލައިޑުން ބުނީ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނަށް ހެލްތު އިންޝުއަރެންސ ޕެކޭޖުތަކާ ގުޅޭ ގޮތުން މައުލޫމާތު ޝެޝަނެއް ގެންދަން ޖެހޭ ކަމަށާއި އެކަން މާލިއްޔަތު ކޮމެޓީން ހަމަޖައްސަައި ދިނުމަކީ އެކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އެލައިޑު ބޭފުޅުންގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެފަދަ ޝެޝަނެއް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް 18 ވަނަ މަޖިލީހުގެ މެމްބަރުންނަށް އެފަދަ ޝެޝަނެއް ގެންދެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެދެން އިންޝުއަރެންސް ޕެކޭޖުތަކުގައި ބޭނުން ކުރެވޭނެ ހިދުމަތްތަކާއި ބޭނުން ނުކުރެވޭނެ ހިދުމަތްތައް އެނގޭނެ ފަދަ ލީފުލެޓެއް އަޅުގަނޑުމެން ކޮމެޓީއަށް ދިނުން. އޭރުން މެމްބަރުންނަށް ވެސް އެ ލީފުލެޓުތައް އަޅުގަނޑުމެން ދީ އެކަން އޮންނަ ގޮތް ކިޔައިދެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.
ިމިދިޔަ ބުދަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ހެލްތު އިންޝުއަރެންސްގެ ހާއްސަ ޕެކޭޖު ލިބިވަޑައިގެންފައިވާ ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންނަށް އާސަންދަ ލިބިގެން ނުވާނެ ކަމަށް ވިދާޅުވެ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.