ދިވެހިރާއްޖޭގެ އަޑުން ރޯދަ މަހު ގެނެސްދޭ ޑްރާމާ މުބާރާތުގައި މި އަހަރު 21 އޮފީހަކުން 28 ޑްރާމާ ބައިވެރިކޮށްފި އެވެ.

އަޑުގެ މެނޭޖަ ރޭޑިއޯ ޕްރޮގްރާމްސް ނަސްރުﷲ އިދްރީސް މިއަދު ސަން އަށް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިއްޔެ އަށް ހަމަވި އިރު 21 އޮފީހަކުން ޖުމްލަ 28 ޑްރާމާ ބައިވެރިކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުގެ އިތުރުން އަމިއްލަ އޮފީސްތަކާއި ކުންފުނިތައް އަދި ޖަމިއްޔާތަކަށް ހުޅުވާލައިގެން ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދާ މުބާރަތުގައި ބާރު އަޅަނީ މުޖުތަމައުއަށް ފައިދާ ހުރި މެސެޖުތަކެއް ލިއްބައިދޭ ޑްރާމާތައް ބައިވެރިކުރުމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިކޮށްފައި ވަނީ ނުވަ އޮފީހަކުން 12 ޑްރާމާ އެވެ. އެހެންކަމުން މިއަހަރު ޑްރާމާ މުބާރާތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ނަސްރު ﷲ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެންމެ މޮޅު ޑްރާމާގެ އެވޯޑު ގެންދިޔަ މީރާގެ ޓީމު، ޕީއެސްއެމްގެ އިސްވެރިންނާ އެކު ---

މި އަހަރުގެ މުބާރާތުގައި އަތޮޅު ތެރޭގެ އޮފީސްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެއްވަނަ އަށް ހޮވޭ ޑްރާމާ އަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ޑްރާމާއަކަށް 15،000 އަދި ތިން ވަނަ ޑްރާމާއަކަށް 10،000 ރުފިޔާ ލިބޭނެ އެވެ.

އޭގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު އަންހެން އަޑާއި އެންމެ މޮޅު ފިރިހެން އަަޑާއި، އެންމެ މޮޅު ސްކްރިޕްޓް ރައިޓަރު އަދި އެންމެ މޮޅު ޕްރޮޑިއުސަރު ވެސް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ޑްރާމާތައް ނިންމާ ހަވާލުކުރަން ޖެހޭ އިރު، އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި، މުބާރާތުގައި ބައިވެރިވި ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

އަޑުން ގެނެސްދޭ މުބާރާތުގެ މަގުސަދަކީ، ޑްރާމާ ލިޔެ އުފެއްދުމުގެ ދާއިރާއަށް ވަންނަ މީހުންގެ އަދަދު އިތުރު ކުރުމެވެ.

"މުބާރާތް ގެނެސްދޭ މަގުސަދު ހާސިލް ވެއްޖެ. އަހަރުން އަހަރަށް މުބާރާތުގައި ބައިވެރިވާ އަދަދު އެބަ އިތުރުވޭ،" ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީ އަހަރުން އަހަރަށް ޑްރާމާތަކުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑްރާމާ މުބާރާތުގައި އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ މީރާ އިން ހުށަހެޅި ޑްރާމާ އެވެ.