ކުޅިވަރު ކުޅޭއިރު ބޭނުންކުރާ ސާމާނާއި ބޫޓު އުފައްދާ ޖަޕާނުގެ އަސިކްސް ކުންފުނިން، މިދިޔަ ހަފްތާގައި ތައާރަފު ކުރި ބޫޓަކަށް ދިވެހި ރާއްޖޭގެ ނަމުން ނަން ކިޔައިފި އެވެ.

އަސިކްސްގެ އާ ދެ އުފެއްދުން ކަމުގައިވާ އަސިކްސް "ޖެލް ލައިޓް 3" އަދި "ޖެލް ލައިޓް 5" އަށް އެކުންފުނިން ދިން ނަމަކީ "އަސިކްސް މޯލްޑިވްސް ޕެކް" އެވެ. "ޖެލް ލައިޓް 5" ބޫޓުގައި ގަދަ ނޫ ކުލަ ހުންނަ އިރު، "ޖެލް ލައިޓް 3" ބޫޓުގައި ހުންނަނީ ހުދު ކުލައާއި ވިލު ނޫ ކުލަ އެވެ.

އަސިކްސް މޯލްޑިވްސް ޕެކްގެ ޖެލް ލައިޓް 3 ބޫޓު --

މި ބޫޓުތަކަށް ރާއްޖޭގެ ނަމުން ނަން ދެވުނީ، ރާއްޖޭގެ ގޮނޑުދޮށްތަކުގައި ރެދަން ލާފައި ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކުން ޑިޒައިނަރުން ޚިޔާލު ލިބިގެންފައި ވާތީ އެވެ. ރެދަން ނުވަތަ ބަޔޯލޫމިނެސެންސްއަކީ، ކަނޑުގައި ދިރިއުޅޭ ކުދިކުދި ދިރުންތަކެއް ކަމުގައިވާ ޕްލެންކްޓަންގެ ސަބަބުން ދިމާވާ ގުދުރަތީ ހާލަތެކެވެ.

މި ބޫޓުތައް ޑިޒައިން ކުރެވިފައި ވަނީ، ބޫޓުގެ ތިރީ ފަށަލައިގައި ރެދަން ފަދައިން ހުންނަ ދިއްލުންތަކަކާއި އެކުގަ އެވެ. މިއީ ގްލޯ އިން ދަ ޑާކް ބޫޓެއް ކަމުން، ބޫޓުން "ރެދަން" ފަދަ މަންޒަރެއް ފެންނާނީ އަނދިރި މާހައުލަކަށް ދިއުމުންނެވެ.

މި ބޫޓުތައް އޮންލައިންކޮށް ބާޒާރުން ގަންނަން ލިބެން ހުރީ 130 ޑޮލަރާއި 150 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ.