ކިންގްޑޮމް އޮފް ސައުދީ އަރަބިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ރަސްމީކޮށް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ސޮއިކޮށްފައި ވަނީ ސައުދީ އަރަބިއާގެ މައި އެއާލައިން ކަމަށްވާ "ސައުދިއާ"ގެ ދަތުރުތައް ސައުދީ އަރަބިއާ އިން ސީދާ ރާއްޖެ އަށް ފެށުމަށެވެ. އަދި ރާއްޖޭގެ އެއާލައިންތަކުގެ ދަތުރުތައް ވެސް ސައުދީގެ އެކި ސަރަހައްދުތަކަށް އެ އެއްބަސްވުމުގެ ދަށުން ފަށާނެ އެވެ.

ރަސްމީކޮށް މިއަދު ސޮއިކުރި އެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި 2014 ވަނަ އަހަރު ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ރަމްޒީ ސޮއި ކުރި ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ކަނޑައަޅުއްވާފައި ހުންނަވާ މިނިސްޓަރު، އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. ސައުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް ސުލައިމާން އަލް ހަމްދާން އެވެ.

ސައުދީ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެއާލައިންތަކަށް ސައުދީ އަރަބިއްޔާގެ ޖިއްދާ، ރިޔާޒު އަދި މަދީނާ އަށް ހަފްތާއަކު ޖުމްލަ 14 ފްލައިޓް އޮޕަރޭޓް ކުރުމުގެ ހުއްދަލިބެ އެވެ. އަދި ސައުދީގެ ދައްމާމަށް ރާއްޖޭގެ އެއާލައިންތަކުން އިހުތިޔާރުކުރާ އަދަދަކަށް ފްލައިޓް އޮޕަރޭޓް ކުރެވޭނެ އެވެ.

ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ސައުދީ އިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެ އިން އެކި ބޭނުންތަކަށް ސައުދީއަށް ދަތުރުކުރުމަށް ދިވެހިންނަށް ފަސޭހަވާނެ ކަމަށެވެ. އަދި ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެއާލައިނެއް ކަމުގައިވާ "މެގަ މޯލްޑިވްސް" އިން މާލެއާއި ޖިއްދާ އާ ދެމެދު ސީދަ ދަތުރުތައް މިހާރު ވެސް ކުރަމުންގެންދެ އެވެ. އަދި ސައުދީ އަރަބިއާގެ ގައުމީ އެއާލައިންކަމަށްވާ ސައުދީ އަރަބިއަން އެއާލައިންގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފަށާނެ އެވެ.