29 Mar 2016, 12:29
(އަޖްމާން، ޔޫއޭއީ): އެކުވެރި އަރަބި އިމާރާތުގެ އަޖްމާންގައި މީހުން ދިރިއުޅޭ ދެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަޖްމާންގައި ހުންނަ އަޖްމާން ވަން ކޮމްޕްލެކްސްގެ ޓަވަރެއްގެ އެއް ފަޅީގައި ރޭ ރޯވި އަލިފާންގަނޑު، އެ ޓަވަރުގެ ގިނަ ފަންގިފިލާތަކަކަށް ފެތުރިގެން ދިޔަ އެވެ. އަދި އެއަށް ފަހު، ކައިރީގައި ހުރި އެހެން ޓަވަރަކަށް ވެސް އަލިފާންގަނޑު ފެތުރުނެވެ.
އަޖްމާން ވަން ކޮމްޕްލެކްސްއަކީ، 3،000 އެޕާޓްމެންޓު ހިމެނޭ ގޮތަށް ތަރައްގީ ކުރެވެމުން އަންނަ، 12 ޓަވަރުގެ ރެޒިޑެންޝަލް ކޮމްޕްލެކްސް އެކެވެ.
އެ ކޮމްޕްލެކްސްގެ ޓަވަރެއްގައި އަލިފާން ރޯވުމާ އެކު، އެ އިމާރާތުގައި ތިބި މީހުން ވަނީ ވަގުތުން އެތަނުން ނެރެފަ އެވެ. އަޖްމާންގެ ފުލުހުން ބުނީ، އެއްވެސް މީހަކަށް އެ ހާދިސާގައި ބޮޑެތި ޒަހަމްތަކެއް ލިބިފައި ނުވި ނަމަވެސް، ބައެއް މީހުންނަށް ކުދި ކުދި އަނިޔާއާއި ނޭވާ ލުމުގެ ދަތިތައް ކުރިމަތިވި ކަމަށެވެ.

ޔޫއޭއީގެ އަޖްމާންގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ/އޭޕީ
އަޖްމާންގެ ފުލުހުން ބުނާ ގޮތުގައި، އަލިފާން ރޯވުމާ އެކު ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރު ޝައިޚް ސައިފް ބިން މުހައްމަދު އަލް ނަހްޔާން ވަނީ ވަގުތުން އެސަރަހައްދަށް ވަޑައިގެން، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެ އިމާރާތަށް ލިބިފައިވާ ގެއްލުމާއި، އަލިފާން ރޯވާން ދިމާވި ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިއީ އެއް އަހަރު ތެރޭގައި ޔޫއޭއީގައި އިމާރާތެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ތިންވަނަ ފަހަރެވެ. މި އަހަރު ފެށުމުގެ ތައްޔާރީތައް، ޔޫއޭއީގެ ދުބާއީގައި ވަމުން ދިޔަ ވަގުތު، ބަޑިބޭހުގެ އެންމެ ބޮޑު ހަރަކާތް ބާއްވަން ހަމަޖެހިފައި އޮތް ސަރަހައްދު ކަމުގައިވާ ބުރްޖް ޚަލީފާ ޓަވަރާ ވަރަށް ކައިރީގައި ހުރި "ދި އެޑްރެސް ދުބާއީ" ޓަވަރުގައި އަލިފާން ރޯވި އެވެ.
އެ އަލިފާންގަނޑުގައި "ދި އެޑްރެސް" ޓަވަރު 20 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން އަނދަމުން ދިޔަ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ، ޓަވަރުގައި ހަރުކޮށްފައި ހުރި ސްޕޮޓްލައިޓެއް ކަރަންޓު ޝޯޓުވެގެންނެވެ.
މަސްދަރު: ޝާލޮޓް އޮބްސާވާ، ބީބީސީ