29 Mar 2016, 12:24
މަގުމަތިން ހައްޔަރު ކުރާ މީހުންގެ ކުށުގެ ރިކޯޑު ވަގުތުން ބަލާލެވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯބައިލް ޕޮލިސިންގު އެޕްލިކޭޝަން ނަމަކަށް ކިޔާ އެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެވެ.
ކުށުގެ ރިކޯޑު ވަގުތުން ބަލާލެވޭ ހިދުމަތް ތައާރަފު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒު މޫސާ
ފުލުހުން ބުނީ އެ އެޕްލިކޭޝަންގެ މައިގަނޑު މަގުސަދަކީ މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތުގެ ދައުރު ހަރުދަނާ ކުރުމާއެކު ރައްޔިތުންނަށް ދެމުންދާ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް އަވަސްކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
ހަމައެއާއެކު މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން އެއްކުރާ މައުލޫމާތު ވީ އެންމެ އަވަހަކަށް ގިނަ ބަޔަކަށް ފަސޭހަ ކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް އެ ހިދުމްތަ ތައާރަފު ކުރުމުގެ މަގުސަދެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މޯބައިލް ޕޮލިސިންގް އެޕްލިކޭޝަންގެ އެހީގައި ފްރޮންޓުލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް އެ ފުލުހަކު މަސައްކަތް ކުރާ ތަނެއްގައި ހުރެގެން ވަގުތުން ބަލާލެވޭނެ ކަމަށެވެ.
އެގޮތުން މަގުމަތިން ހުއްޓުވާ ސުވާލު ކުރެވޭ މީހުންގެ ވަނަވަރާއި، އައިޑީ ކާޑުގެ މައުލޫމާތު އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ މީހެއްނަމަ، އެ މީހަކަށް އަޅާފައިވާ ފިޔަވަޅުގެ މައުލޫމާތު ވެސް ވަގުތުން ބަލާލެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ހަމައެއާއެކު، އެމީހަކީ ޕެރޯލްގެ ދަށުން ފުރުސަތު ލިބިފައިވާ މީހެއްތޯ އާއި މޮނިކޮމް އަމުރު ނެރެފައިވާ މީހެއްތޯ ވެސް އެ އެޕްލިކޭޝަންގެ އެހީގައި ބަލާލެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ކުށުގެ ރިކޯޑު ވަގުތުން ބަލާލެވޭ ހިދުމަތް ތައާރަފު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ
މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ވަޔާލެސް ބެކްހައުލް ޕްރޮޖެކްޓުގެ ހިދުމަތް ވެސް ތައާރަފު ކޮށްފަ އެވެ. އެ ހިދުމަތްވެސް ތައާރަފުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެވެ.
ފުލުހުން ބުނީ، ވަޔާލެސް ބެކްހައުލް ޕްރޮޖެކްޓުގެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ، މާލެއާއި މާލެ ކައިރި ރަށްރަށުގައި އަދި އަތޮޅުތަކުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކުގެ ނެޓްވޯކު ސްޕީޑު ދަށް ވުމުގެ މައްސަލަތައް ހައްލުކުރުމާއެކު ހަރަދު ކުޑަކޮށް ޒަމާނީ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން އެ ހިދުމަތް ފެށުމުން ފުލުހުންގެ ބެކްހައުލް ބޭނުން ކުރުމުގެ ސްޕީޑު އަވަސްވެ ސްޓޯރޭޖު އިތުރުވެގެން ދާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ޕްރޮޖެކްޓުގެ ހިދުމަތް ބޭނުން ކުރަން ފެށުމުން ވިޑީއޯ ކޮންފެރެންސް މެދުވެރިކޮށް މިހާރު ދެމުންދާ ހިދުމަތާ، ރޭޑިއޯ ސަވައިލެންސް ފަދަ ހިދުމަތްތައް ޒަމާނީ ފެންވަރުގައި ލިބިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
ހަމައެއާއެކު، ޕޮލިސް ނެޓްވޯކުގެ ހިދުމަތް މިހާރަށްވުރެ އެތައް ގުނައެއް މަތި ކުރެވި ސްޕީޑުވެސް އަވަސް ވެގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ވަޔާލެސް ބެކްހައުލް ޕްރޮޖެކްޓުގެ ހިދުމަތް މާލެ އާއި ދޫނިދޫ، ފޭދޫ ފިނޮޅާއި ޓުއަރިސްޓު ޕޮލިސް، ފާރެ ގެމާ، ހުޅުމާލެ އަދި ވިލިމާލެ ޕޮލިސް ސްޓޭޝަން ގެ އިތުރުން ތިލަފުށީގައި ފުޅާ ކުރެވިގެންދާނެ ކަމަށެވެ.