އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހދ. ވައިކަރަދޫގައި ތިބި އެ ޕާޓީގެ މެމްބަރުން ވޯޓްލުމަށް ބަހައްޓާފައި ހުރި ވޯޓްފޮށި މެމްބަރުންގެ ތެރެއިން ބަޔަކު ނުކުމެ ހިފަހައްޓައިފި އެވެ.

ނަން ހާމަ ނުކުރުމަށް އެދި ވައިކަރަދޫގައި ހުރި އެމްޑީޕީގެ މެމްބަރަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި ވައިކަރަދޫގައި ހުރި ވޯޓްފޮށި އެ ރަށުގައި ތިބި އެމްޑީޕީގެ 30 އަކަށް ޒުވާނުން ނުކުމެ ހިފެހެއްޓީ ވޯޓްލާ ނިމުމުންނެވެ.

"ވޯޓްލައި ނިމުމާ އެކު އަޅުގަނޑުމެން މިތިބީ ވޯޓްފޮށި ހިފަހައްޓައިގެން، އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރަށް އެތައް ފަހަރަކު ވޯޓްދީފިން. އެކަމަކު އަޅުގަނޑުމެންނަށް އެއްފަހަރު ވެސް އޭގެ ނަތީޖާއެއް ނުލިބޭ. އެހެންވީމާ އަޅުގަނޑުމެން މިފަހަރު މިތިބީ މި ރަށުގެ ނަތީޖާ އެމްޑީޕީއަށް ލިބުނަނުދޭން." ވައިކަރަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވައިކަރަދޫން ވާހަކަ ދެއްކި މީހާ ބުނީ އެ ރަށުގެ އެމްޑީޕީގެ މެމްބަރުން އެންމެ ބޮޑަށް ރުޅިއައިސްގެން އުޅެނީ އެ ރަށުގެ ކަރަންޓްގެ މައްސަލަ ހައްލުނުވާތީ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު ރަށުން ކަރަންޓް ކެނޑޭކަމަށާއި އެކަމުގެ ސަބަބުން ގެންގުޅޭ ކަރަންޓް ސާމާނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް އޭނާ ބުންޏެވެ.

ވައިކަރަދޫގައި ހުރި އެމްޑީޕީގެ ވޯޓްފޮށި ހިފެހެއްޓުމުގައި ޑީއާރުޕީގެ މެމްބަރުން ވެސް ހިމެނޭ ކަމަށާއި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވެސް ހިމެނޭ ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ނަމަވެސް، އިންތިހާބުގެ ކޯޑިނޭޓާ މުހައްމަދު ގަސަމް ވިދާޅުވީ، "އެފަދަ އެއްވެސް ރިޕޯޓެއް" ލިބިފައިނުވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ބަހެއް ހޯދާލުމަށް ވައިކަރަދޫ ރަށުކައުންސިލްގެ މެމްބަރުންނަށް ގުޅަން ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.