29 Mar 2016, 11:44
ލާނަކާ (މާޗް 29): ހައިޖެކްކޮށްފައިވާ އިޖިޕްޓްއެއާގެ އެމްއެސް181 ސައިޕްރަސްގެ ވެރިރަށް، ލާނަކާގެ އެއާޕޯޓުގައި ޖައްސައިފި އެވެ.
ިމިސްރުގެ އެލްގްޒެންޑްރިއާ އިން ކައިރޯ އަށް ދަތުރުކުރި އެ ބޯޓު ސައިޕްރަސްގައި ޖައްސަން ޖެހުނީ ގޮވާޒާތުގެ ތަކެތި ހަރުކޮށްފައި ހުރި ބެލްޓެއް އަޅައިގެން ހުރި ފަސިންޖަރަކު ޕައިލެޓަށް މަޖުބޫރު ކުރުވުމުން ކަމަށް މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުންޏެވެ.
ހައިޖެކް ކުރި މީހާއަކީ އިބްރާހިމް ސަމާހާ ކިޔާ މިސްރު މީހެއް ކަމަށް އެ ގައުމުގެ ސްޓޭޓް ނިއުސް އޭޖެންސީން ވަނީ ބުނެފަ އެވެ. ނަމަވެސް، މިސްރުގެ އެއާޕޯޓުގައި މިހާރު ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައި ހުރުމުން އެމީހާގެ އަތުގައި ގޮވާޒާތުގެ ތަކެތި ހުރިކަމާ މެދު "ޝައްކު ކުރެވޭ" ކަމަށް މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ތަރުޖަމާނު އިހާބް ރަސްލާން ވިދާޅުވި އެވެ.
"މިސްރުގެ އެއާޕޯޓުތަކުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައި ހުރުމުން އަޅުގަނޑަށް ޝައްކު ކުރެވޭ އޭނަ އަތުގަ ގޮވާޒާތުގެ އެއްޗެހި ހުރިކަަމަށް،" ރަސްލާން ވިދާޅުވި އެވެ.
އިޖިޕްޓްއެއާގެ ޓުވީޓެއްގައިވާ ގޮތުން ހައިޖެކް ކުރި މީހާ ވަނީ ކްރޫ މެމްބަރުންނާއި ބޭރު ގައުމުގެ ހަތަރު މީހަކު ފިޔަވައި ދެން ތިބި ފަސިންޖަރުން ދޫކޮށްލުމަށް އެއްބަސްވެފަ އެވެ.
މިހާރު ބޯޓުގައި ތިބީ ކުރޫ މެމްބަރުންނާއި ހަތަރު ބިދޭސީން އެކަންޏެވެ. ގާޑިއަންގައިވާ ގޮތުން ދޫކޮށްލި މީހުންގެ ތެރޭގައި 50 ވަރަކަށް މިސްރު ރައްޔިތުން ހިމެނެ އެވެ. ބޯޓުން ދޫކުރި މީހުން މިހާރު ވަނީ ބަހަކަށް އަރުވައިގެން ސަލާމަތީ ސަރަހައްދަކަށް ގެންގޮސްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މިސްރުގެ ހާއްސަ ޓީމަކުން މިހާރު ވެސް ދަނީ ބޯޓު ހައިޖެކްކޮށްފައިވާ މީހާއާ ވާހަކަ ދައްކަމުން ކަމަށް ރަސްލާން ވިދާޅުވި އެވެ.
އެއާބަސް 320 މަރުކާގެ ބޯޓެއް ކަމަށް ލަފާކުރެވޭ އެ ބޯޓުގައި 81 ފަސިންޖަރުން ތިބި ކަމަށް އިޖިޕްޓް އެއާގެ ޓުވީޓްތަކުގައިވެ އެވެ.