އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ދިވެހި 50 ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު ސަން އަށް ވިދާޅުވީ ގިނަ އަދަދެއްގެ ނަރުހުން ހޯދަނީ އެ ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް އިތުރު ޚިދުމަތްތަކެއް ދިނުމަށް ނިންމާފައިވާތީ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ ޚިދުމަތްތައް ފުޅާކުރަމުން. އަދި އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދެމުން މިދަނީ. އެހެންވީމަ އިތުރު ނަރުހުން އެބަ ބޭނުންވޭ،" ފަރުހަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ސިޔާސަތަކީ ދިވެހީން ލިބެންހުރި ވަޒީފާތަކަށް ދިވެހި މުވައްޒަފުން ހަމަޖެއްސުން ކަމަށާއި މިފަހަރު ދިވެހި ނަރުހުން ހޯދަނީ އެ ސިޔާސަތުގެ ދަށުން ކަމަށެވެ.

ނަރުހުން މަދުވުމުގެ ސަބަބުން މިހާރު ބައެއް ޚިދުމަތްތައް ދިނުމުގައި އުނިކަމެއް ހުރެދާނެ ކަމަށާއި 50 ނަރުހުން ވަޒީފާއަށް ނުކުތުމުން އެފަދަ ކަންތައްތައް ހައްލުވެގެންދާނެ ކަމަށް ފަރުހަތު ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ 11 ބުރީގެ އިމާރާތުގައި ތިން ތިއޭޓަރު ހުންނައިރު، ބާ އިމާރާތުގައި ފަސް ތިއޭޓަރު އެބަހުރި ކަމަށާއި އެތަންތަނުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް އިތުރު ނަރުހުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައިސީޔޫ 15 ބެޑަށް ބޮޑު ކުރަން ނިންމާފައިވާއިރު، ކެތު ލެބެއް ވެސް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމަ މި ހުރިހާ ޚިދުމަތްތައް ވެސް ދިނުމަށް ނަރުހުން އެބަ ބޭނުންވޭ،" ފަރުހަތު ވިދާޅުވިއެވެ.

އައިޖީއެމްއެޗުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ ރެޖިސްޓާޑް ނަރުހުންގެ މުސާރަ އަކީ 5610 ރުފިޔާ ކަމަށެވެ. އަދި ސާވިސް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކުވެސް 2500 ރުފިޔާ ލިބޭނެ ކަމަށާއި ރިސްކު އެލަވަންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭ ގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.
  • ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާ ބެހޭ ޑޮކްޓަރުންނަށް އެންގުމާއި ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.

ތަޢުލީމާއި ތަޖުރިބާ:

  • ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާސިން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓު ހާސިލުކޮށްފައިވުން
  • ޑިޕްލޮމާއިން ކޮންވާޝަން އިން ނާސިންގް ކޯސް ފުރިހަމަކޮށްފައިވުން.

އައިޖީއެމްއެޗުން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ގާބިލު ފަރާތްތައް ނެގުމުގައި ތިން ކަމަކަށް ބަލާނެ ކަމަށެވެ. އެގޮތުން ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އިތުރުން ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ބުނީ ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށް އެ ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އައިޖީއެމްއެޗަށް އެކަމަށް އެދި ހުށަހެޅުމަށް ވެސް އައިޖީއެމްއެޗުން އެދިފައިވެ އެވެ. އަދި އޭގެފަހުން ހުށަހަޅާ އެއްވެސް ފޯމެއް ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.