ރާމަﷲ (މާޗް 29) : ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތަކެއް ބައިވެރިވާ ގޮތަށް ބައިނަލްއަގްވާމީ މަހާސިންތާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފަލަސްނީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ ޔަހޫދީންގެ ޖަމާއަތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އިސްލާމީ ދުނިޔޭގައި ހަރުކަށިކަމާއި ހައްދު ފަހަނަޅައި ދިޔުމުގެ އުސޫލުތައް ފެތުރިގެން ދިޔުމާއި ފަލަސްތީނުގެ މައްސަލައާ ގުޅުންވާ ކަމުގައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފުލިބި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރެވިއްޖެނަމަ އިސްލާމީ ދުނިޔެއަށާއި އިސްރާއީލަށް ވެސް ސުލްހަ އާއި ހަމަޖެހުން ލިބިގެންދާނެކަމުގަ އެވެ. ނަމަވެސް މިކަން ހާސިލް ނުވެއްޖެނަމަ އިސްލާމީ ގައުމުތަކުގައި އުފެދެމުންދާ ހަރުކަށި ކަމަށް ހައްލެއް ނާންނާނެ ކަމަށާ އަދި އިސްރާއީލަށް ކުރިމަތިވެފައިވާ އެކަނިވެރިކަމާއި އެކަހެރިކަން ވެސް ފިލައިގެން ނުދާނެކަމުގަ އެވެ.

ފަލަސްތީނުގެ ހައްގުތަކަށް އިސްރާއީލު އަރައިގެންފައިވާތީ އާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިސްލާމީ ދުނިޔޭގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުގައި އިސްރާއީލު ވަނީ އެކަހެރި ވެފައެވެ. 50 އަށްވުރެ ގިނަ އިސްލާމީ ގައުމުތައް އޮންނައިރު ދެތިން ގައުމުން ނޫނީ އިސްރާއީލަށް އިއްތިރާފްވެ އިސްރާއީލާ ގުޅުންތައް އުފައްދާފައެއް ނުވެއެވެ. އެތިން ގައުމަކީ މިސްރު، ތުރުކީ އަދި އުރުދުން އެވެ. ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ލިބިފައިނުވަނީ އިސްރާއީލަށް އެއްވެސް ބާވަތެއްގެ ފިއްތުމެއް ކުރިމަތިކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތައް ދެކޮޅު ހެދުމުގެ ސަބަބުންނާއި އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތައް އިސްރާއީލުގެ ޙިމާޔަތުގައި އޮތުމުގެ ސަބަބުންނެވެ.

އދ. ގެ ފަރާތުން އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގެ ފިއްތުމެއް ކުރިމަތިވެއްޖެނަމަ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފޭބުމަށް އިސްރާއީލަށް މަޖްބޫރުވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އިސްރާއީލަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކުރިމަތިވާ ފިއްތުންތައް ތަހައްމަލް ކުރެވޭވަރަށްވުރެ އިގްތިސާދީ ގޮތުން ބަލިކަށި އަދި އަދި ސަރަހައްދުގެ ގޮތުންނާއި އާބާދީގެ ގޮތުން ކުޑަ އަދި ވަސީލަތްތައް މަދު ގައުމެކެވެ. ފަލަސްތީނުގެ ރައީސް ވިދާޅުވީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު އިސްރާއީލުން ދީފިނަމަ އިސްލާމީ ގިނަ ގައުމުތައް އިސްރާއީލާ ގުޅުންތައް ގާއިމް ކުރާނެއެވެ.

މިހެންވެއްޖެނަމަ އިސްލާމީ ގައުމުތަކާ ވިޔަފާރީގެ މުއާމަލާތްތައް ކޮށްގެން އިސްރާއީލަށް ބޮޑެތި ފައިދާތަކެއްވެސް ހާސިލް ކުރެވޭނެކަމަށާ އަދި އިސްރާއީލުގެ އެކަނިވެރިކަމާއި އެކަހެރިކަންވެސް ފިލައިގެންދާނެ ކަމުގައެވެ. އިސްރާއީލަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށްފަހު ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު ބޮޑެތި ބާރުތައް އަޑީގައި ތިބެގެން އެގައުމުތަކުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އުފެއްދި އިސްތިޢްމާރީ ފިކުރުގެ ހަރުކަށި އުދުވާނީ ގައުމެކެވެ.

އިސްރާއީލު އުފެދުނު ފަހުން ފަލަސްތީނާ ދެކޮޅަށް އެތަށް ހަނގުރާމަތަކެއް ކޮށްފައިވެއެވެ. އަދި އިސްރާއީލުގެ ވަށައިގެންވާ އަވަށްޓެރި އަރަބި ގައުމުތަކާ ދެކޮޅަށް އުދުވާނީ އެތަށް ހަނގުރާމައެއްކޮށް އަރަބި އެތަށް ގައުމަކާ ދެކޮޅަށް ބިރު ދައްކައި އުދުވާނީ އެތަށް ހަމަލާތަކެއް ދީފައިވެ އެވެ. (އަލްޖަޒީރާ)