29 Mar 2016, 11:19
(ކޮލޮމްބޯ، ސްރީލަންކާ): ސްރީލަންކާގެ ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު އިއުލާނުކޮށް، އަދި އެ ސަރުކާރު ނިމުމާއި ޖެހެންދެން ވެސް މަސައްކަތް ފަށާފައި ނުވާ ބޮޑު މަލްޓިޕާޕަސް ރެޒިޑެންޝަލް އަދި ކޮމާޝަލް މަޝްރޫއެއްގެ މައްސަލަ ބެލުމަށް، ސްރީލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ)ގެ ޓީމެއް ސިންގަޕޫރަށް ގޮސްފި އެވެ.
ވެރިރަށް ކޮލޮމްބޯގައި ތަރައްގީ ކުރަން ނިންމި "ކްރިޝް ސްކޮއާ"އަކީ، ދިގު ހަތަރު އިމާރާތް ހިމެނޭ ކޮމްޕްލެކްސް އެކެވެ. މި ހަތަރު އިމާރާތުގައި ލަގްޒަރީ ހޮޓަލަކާއި، އެޕާޓްމަންޓުތަކަކާއި، ޝޮޕިންގް މޯލްތަކަކާއި އޮފީހާއި ވިޔަފާރި ހިންގުމަށް ތަން ދޫކުރެވޭ އިރު، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ލަންކާގެ އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީއިން އިންޑިއާގެ ކްރިޝް ރިއަލް އެސްޓޭޓު ގްރޫޕަށް ވަނީ 4.3 އޭކަރުގެ ބިމެއް، 99 އަހަރަށް ދޫކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަސައްކަތް ކްރިޝް ގްރޫޕުން ފަށާފައެއް ނުވެ އެވެ. މި މަޝްރޫއުގެ ބިންގާ 2013 ވަނަ އަހަރު އެޅުމަށް ރޭވުނު އިރު، އެކަން ވެސް ހިނގާފައެއް ނުވެ އެވެ.
ހަ ސަތޭކަ ފަންސާސް މިލިޔަން ޑޮލަރު ޚަރަދު ކޮށްގެން އެޅުމަށް ލަންކާ ސަރުކާރުން ކްރިޝް ގްރޫޕާ ހަވާލު ކުރި މަޝްރޫއު ކުރިއަށް ނުދާތީ، އެ މަޝްރޫއު ކްރިޝް ގްރޫޕާ ހަވާލު ކުރެވުނީ ކޮން ގޮތަކަށްތޯ ލަންކާގެ މިހާރުގެ ސަރުކާރުން ބެލުމަށް ނިންމި އެވެ.
އެގޮތުން، ލަންކާ ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަނުން ކްރިޝް މަޝްރޫއުގެ ތަހުގީގު ފަށައި، ބައެއް ފަރާތްތަކާ ސުވާލު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަރުން ނާމަލް ރާޖަޕަކްސައާ ވެސް އެފްސީއައިޑީއިން ސުވާލު ކޮށްފައި ވެ އެވެ.
މި މައްސަލަ ބެލުމަށް އެފްސީއައިޑީގެ ޓިމެއް މި ހަފްތާގައި ސިންގަޕޫރަށް ގޮސްފައިވާ ކަމަށް ލަންކާގެ މީޑިއާގައި ރިޕޯޓު ކުރި އިރު، މި މައްސަލައާ ސިންގަޕޫރާ އޮތް ގުޅުމެއް އަދި ހާމަވެފައެއް ނުވެ އެވެ.
ކޮލޮމްބޯގައި ކްރިޝް ޓަވަރުތައް އެޅުމުގެ މަޝްރޫއު ރޭވުނު ގޮތަށް ބަލާއިރު، ހަތަރު ޓަވަރު ވެސް އިމާރާތް ކުރުމަށް ފެށޭނީ 10 ބުރީގެ ބޭސް ސްޓްރަކްޗާއަކުންނެވެ. 10 ބުރީގެ އެ އިމާރާތުގެ ހަތަރު ދިމާލުން ހަތަރު ޓަވަރެއް އިމާރާތް ކުރާ އިރު، އެ ހަތަރު ޓަވަރުގެ އުސްމިން ވެސް ތަފާތެވެ. އެންމެ އުސް ޓަވަރުގައި 85 ބުރި ހުންނަ އިރު، ދެވަނަ ޓަވަރުގައި 80 ބުރި، އަދި އަނެއް ދެ ޓަވަރުގައި 55 ބުރި ހުރުމަށް ޕްލޭން ކުރެވުނެވެ.
މި މަޝްރޫއު މިހާތަނަށް ހިނގަން ފަށާފައި ނުވާ އިރު، ލަންކާގެ މިހާރުގެ ސަރުކާރުން މަޝްރޫއު ކެންސަލް ކޮށްފައި ވެސް ނުވެ އެވެ. ކްރިޝް ގްރޫޕުން މަސައްކަތް ފެށުމަށް ލަންކާ ސަރުކާރުން އެއްވެސް ހުރަހެއް އަޅާފައި ނުވާ އިރު، މަސައްކަތް ލަސްވަނީ އެ ގްރޫޕަށް ދޫކުރެވުނު ބިމަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެންނެވެ.
މަސްދަރު: ޑެއިލީ މިރާ، ސަންޑޭ ޓައިމްސް