މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ އުފައްދާ ފުރަތަމަ ބިރުވެރި ފިލްމު 4426 (ފޯފޯޓޫސިކްސް) ރޭ ލޯންޗުކޮށްފި އެވެ.

އެ ފިލްމު ލޯންޗު ކޮށްފައި ވަނީ ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރޭގެ ރަސްމިއްޔާތުގައި ވަނީ އެ ފިލްމުގެ ޓީޒާ ވެސް ރިލީޒު ކޮށްފަ އެވެ. ފިލްމު 4426 ގެ ޓީޒާ ރިލީޒު ކުރީ އެ ފިލްމުގެ ދެ ޑައިރެކްޓަރުން ކަމަށްވާ ފާތިމަތު ނަހުލާ އާއި އަހުމަދު ޝިނާން އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަހުލާ ބުނީ، މީހުން ސިނަމާތަކަށް ދަނީ ހަމައެކަނި ލޯބީގެ ފިލްމު ބަލާލަން ނޫން ކަމަށެވެ.

"މީހުން އަންނަނީ އެ ބޭނުންވާ އަޅުގަނޑުމެން ބޭނުންވާ އިހުސާސްތައް ބޭނުންވާ ފެންވަރަށް ދައްކަދެވިއްޖެތޯ ބަލަން ވެގެން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އެކަން ސާބިތު ކުރާނަން،" ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ، ހަގީގީ ހާދިސާއަކަށް ބިނާކޮށް ތައްޔާރު ކުރާ އެ ފިލްމަށް ވަރަށް ގިނަ ދިރާސާތަކަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ފިލްމަކީ އޭނާގެ ފިލްމީ ކެރިއަރުގައި ކުރާ އެންމެ ބުރަ މަސައްކަތް ކަމަށްވެސް ނަހުލާ ބުންޏެވެ.

"އަޅުގަނޑުގެ ލިޔުންތެރިކަމުގެވެސް ފިލްމި މަސައްކަތުގައިވެސް މިވަރުގެ ބުރަ މަސައްކަތެއް އަދި މިހާތަނަށް އައިއިރުވެސް ނުކުރަން. ތިބޭފުޅުން ފިލްމު ބަލާލީމަ އިނގޭނެ އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތް،" ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ، އެ ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް، އެމްއެންޑީއެފް ގެ ފާޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާއި، މާޝަލް އާޓްސް އެސޯސިއޭޝަންގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށެވެ.

ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އުފައްދާ އެ ފިލްމުގެ މަންޒަރުތައް މާލެ އާއި މާލެ ކައިރި ދެ ރަށެއްގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ފިލްމު ޝޫޓިންގެ މަސައްކަތް އަންނަ ހަފުތާގައު ފެށުމަށް ހަމަޖެހިފައިވާ އިރު، ޝޫޓިންގުގެ މަސައްކަތް 30 ވަރަކަށް ދުވަސް ތެރޭގައި ނިމޭނެ ކަމަށް ނަހުލާ ބުންޏެވެ.

މި އަހަރު ތެރޭގައި ރިލީޒު ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގައި ހަރަކާތްތެރިވާ ތަރިންތަކުގެ ތެރޭގައި، ޝީލާ ނަޖީބު، ޔޫސުފް ޝަފީއު، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އިސްމާއިލް ޖުމާހް ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.