އެ ކައުންޓުގައި ފައިސާނެތި ޗެކު ދޫކޮށް ޗެކުގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށް މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ސާބިތުވެ އޭނާ ހަ މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 2012 ވަނަ އަހަރު އޭނާ ކުންފުންޏަކަށް ދޫކުރި ދެ ޗެކެއް ބައުންސްވި މައްސަލައަކާ ގުޅިގެންނެވެ.

ބައުންސްވެފައި ވަނީ ލިންކް ސާވިސް ކިޔާ ކުންފުންޏަކުން އިސްމާއިލް އަބްދުއްލަތީފް ނަގާފައިވާ ފައިސާގެ ތެރެއިން ނުދައްކާވާ ފައިސާ ދެއްކުމަށް ދޫކުރި ދެ ޗެކެވެ.

އިސްމާއީލް އަބްދުއްލަތީފް އެކުންފުންޏަށް ދައްކަންޖެހޭ 300،000 ރުފިޔާ ދެއްކުމުގެ ގޮތުން މޮރިޝަސް ކޮމާޝަލް ބޭންކުގައި އޭނާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ދޫކުރީ 10،000 ޑޮލަރުގެ ދެ ޗެކެވެ.

ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ.