30 Apr 2011, 18:11
ވޮޝިންގޓަން : އެމެރިކާގެ އިރުމަތީ ސްޓޭޓްތަކަށް އެރި ނަގޫރޯޅިތަކުގެ ސަބަބުން އެސްޓޭޓްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަމާމެދު ސިހިވަޑައިގެންފިކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެވެ.
ނަގޫރޯޅީތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސްޓޭޓް ކަމަށްވާ އަލަބާމާގެ ޓަސްކަލޫސާ އަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ ޓަސްކަލޫސާއަށް ލިބިފައިވާ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާއެހެންތަނެއް އޭނާގެ ޙަޔާތުގައި އަދި ފެނިވަޑައިގެންފައިނުވާ ކަމުގައެވެ.
އެމެރިކާގެ އިރުމަތީ ސްޓޭޓްތަކަށް ވޭތުވެދިޔަ ދެހަފްތާތެރޭގައި އެރި ނަގޫރޯޅިތަކުގެ ސަބަބުން 300 އަށްވުރެ ގިނަމީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ އިތުރުބަޔަކު ގެއްލިފައިވެއެވެ. މީގެތެރެއިން 210 މީހަކު މަރުވެފައިވަނީ އަލަބާމާގައެވެ.
މި ނަގޫރޯޅީތަކުގައި އެމެރިކާގެ އިރުމަތީ ބައެއް ސްޓޭޓްތައް ކަމަށްވާ އަލަބާމާ، ޓެނިސީ، މިސިސިއްބީ، ޖޯޖިޔާ، ވަރޖީނިޔާ އަދި އަރކެންސާސްގެ މިލިޔަނަކަށްވުރެ ގިނަމީހުންގެ ގެދޮރު ހަލާކުވެ އެމީހުން ރެފިއުޖީންނަށް ވެފައިވެއެވެ. އަދި މިސްޓޭޓްތަކުގެ އިންފްރާސްޓްރަކްޗަރ އަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޚާއްސަކޮށް އަލަބާމާގެ ބޮޑުބައެއްގެ އިންފްރާސްޓްރަކްޗަރ ވަނީ މުޅިންކަހަލަ ގޮތަކަށް ހަލާކުވެފައެވެ.
މިގެއްލުންތަކުގެ މިންވަރު 2.5 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އެމެރިކާގެ ފެޑްރަލް އިމަރޖެންސީ މެނޭޖްމެންޓް އެޖެންސީންވަނީ މިއީ އެމެރިކާގެ ތާރީޚުގައި އެޤައުމަށް އެރި އެންމެ ނުރައްކާތެރި ނަގޫރޯޅިތަކާ އެއްފެންވަރުގެ ނަގޫރޯޅިތަކެއް ކަމަށް ސިފަކޮށްފައެވެ.
މީގެކުރިން އެމެރިކާއަށް މިފެންވަރުގެ ނަގޫރޯޅިއެއް އަރާފައިވަނީ 1925 ވަނަ އަހަރުގެ މާޗް މަހުގައެވެ. އެ ނަގޫރޯޅީގައި 747 މީހުން މަރުވެފައިވެއެވެ. (އަލްޖަޒީރާ)