މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހަށް އޮންއެރައިވަލް ވިސާ އިތުރުކޮށްދިނުމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އަދި މެލޭޝިޔާގެ ބޮޑުވަޒީރު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް ޔާމީން މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އޮން އެރައިވަލް ވިސާ 90 ދުވަހަށް އިތުރުކުރުމުގެ އިތުރުން، ޑިޕެންޑަންޓް ވިސާގެ މައްސަލައަށް ވެސް ރަނގަޅު ހައްލެއް ހޯދުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި މެލޭޝިޔާގެ ގައުމީ ތެޔޮ ކުންފުނިން ރާއްޖެއަށް ތެޔޮ ވިއްކުމާ މެދު ވިސްނަވާނޭ ކަމަށް ވެސް މެލޭޝިޔާގެ ބޮޑުވަޒީރު ޑާޓޯ ޝްރީ ހާޖީ މުހައްމަދު ނަޖީބު ބިން ޓުން ހާޖީ އަބްދުލް ރައްޒާގު މުހައްމަދު ނަޖީބު ރައްޒާގު ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ މެލޭޝިޔާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މެލޭޝިއާގައި މޯލްޑިވިއަން ކަލްޗަރަލް ސެންޓަރެއް ގާއިމު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.