29 Mar 2016, 10:18
ރ. ވާދޫގެ އުތުރުކޮޅު ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި، އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.
ވާދޫ ކައުންސިލުން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ސަރަހައްދުގެ ތިން ހެކްޓަރުގެ ބިމުން 1.5 ހެކްޓަރުގެ ބިން ގެސްޓްހައުސް ތަރައްގީކުރުމަށާއި ބާކީ އޮތް 1.5 ހެކްޓަރުގެ ބިން ފަތުރުވެރިކަމާ ގުޅުން ހުރި ވިޔަފާރި އަދި އެކަމާ ގުޅުން ހުރި އެހެނިހެން ވަސީލަތްތައް އެކުގައި ތަރައްގީކުރަން ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ދެބިމުގައި އަމިއްލަ ހަރަދުގައި ޓޫރިސްޓް ގެސްޓްހައުސްއާއި އެހެނިހެން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތައް ގާއިމްކޮށް، އެފަދަ ތަންތަން އިމާރާތް ކުރުމަށް ފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ވަނީ ހުޅުވާލާފ އެވެ. ބިޑް ފޮތް ވާދޫ ކައުންސިލުން ދޫކުރާ އިރު، ބިޑް ފޮތެއްގެ އަގަކީ 2000 ރުފިޔާ އެވެ.
އެ އިއުލާނުގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އިތުރު މައުލޫމާތު ހޯދުމަށާއި އެކަމަށް ތައްޔާރުކޮށްފައިވާ ބިޑް ޑޮކިއުމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް، 24 މާޗް 2016 އިން ފެށިގެން 24 އޭޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އާ ދެމެދު އެ ކައުންސިލްގެ ނަންބަރު 6580074 މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް ވަނީ ބުނެފަ އެވެ.
ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ "ސަން" އަށް ވިދާޅުވީ، އެ ސަރަހައްދު ޓޫރިޒަމް ތަރައްގީކުރާ ޒޯނެއްގެ ގޮތުގައި ދޫކުރަން ނިންމީ، ރ. އަތޮޅަކީ ސަރަހައްދަކީ ރިސޯޓް މަދު ސަރަހައްދަކަށްވެފައި އެ ސަރަހައްދުގެ ގިނަ ޒުވާނުންތަކަކަށް ވަޒީފާ ހޯދުމުގައި ދަތިތައް ދިމާވާތީ އެކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.
"މިރަށުގެ ވެސް ގިނަ ޒުވާނުން ގޮސް މިއުޅެނީ ކޮންމެވެސް އެހެން ހިސާބެއްގައި އޮންނަ ރިސޯޓެއް ނޫނީ މާލޭގައި. އެކުދިން އަމިއްލަ ރަށަށް ގެނެސް، އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ ލިބޭނެގޮތެއް ހަދައިދިނުން އަޅުގަނޑުމެންގެ ބޭނުމަކީ. ބިޑްގައި ވެސް އަޅުގަނޑުމެން އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވާނެ،" ވާދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ ބިޑް ޑޮކިއުމަންޓްގައި ވެސް، ވާދޫ އަދި ކައިރީގައި އޮތް ރަށްރަށުގެ މީހުންނަށް 60 ޕަސެންޓް ވަޒީފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށާއި ބާކީ އޮތްބަޔަށް ވެސް އެހެން ހިސާބުތަކުން ވަޒީފާތަކަށް މީހުން ގެންނާނީ އެ ރަށްރަށުން ނުލިބިއްޖެ ހާލަތެއްގައި ކަމަށް ބިޑުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވާދޫ އަކީ ގުދުރަތީ ގޮތުން މުއްސަނދި ރަށަކަށްވާ އިރު، އެކަމުގެ ބޭނުން އެކަށޭނެ ގޮތެއްގައި ހިފުން ވެސް އެރަށު އުތުރުފަރާތް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.