ރަހްމަތްތެރިކަމުގެ މެޗެއްގައި މާދަމާ ރަސިއާއާ ދެކޮޅަށް ނިކުންނަ އިރު ކުޅުންތެރިންގެ ހަނދާނުގައި އަދިވެސް ހުރީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޕެރިސް އަށް ދިން ޓެރެރިސްޓް ހަމަލާގެ ހަނދާންތައް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއާ ޑެޝޯމްޕްސް ބުނެފި އެވެ.

މިދިޔަ އަހަރު ނޮވެމްބަރު 13 ވަނަ ދުވަހު ފްރާންސްގެ ދަނޑުގައި އެ ޓީމުން ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗު ކުޅެމުން ދަނިކޮށް ސްޓޭޑިއަމް ބޭރުގައި އައިއެސްގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ޖުމްލަ 130 މީހުން ވަނީ މަރުވެފަ އެވެ.

އެ ހަމަލާއަށް ފަހު ފްރާންސްގެ އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެން ތައްޔާރުވަމުން އަންނަ އިރު ޑެޝޯމްޕްސް ބުނީ ހަމަލާގެ އަސަރު އަދިވެސް ކުޅުންތެރިންގެ ސިކުނޑިން ފިލައިގެން ނުދާ ކަމަށާއި މާދަމާގެ މެޗަށް ނިކުންނައިރު ވެސް ކުޅުންތެރިން ދައްކަނީ އެވާހަކަ ކަމަށެވެ.

"އެ ކުޅުންތެރިން އަދިވެސް ހަމަލާތަކުގެ ހަނދާން އެބަހުރި. ނަމަވެސް މިއީ އެ ހަމަލާތައް ހަނދާނުން އެއްފަރާތް ކޮށްލާ ޓީމާ އެކު ކުރިއަށް ދާންވީ ވަގުތު،" ޑެޝޯމްޕްސް ބުންޏެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފްރާންސްގައި ބާއްވަން އެ ގައުމުން ތައްޔާރު ވަމުން އަންނަ އިރު ޔޫރަަޕްގެ ގައުމުތަކަށް ދެމުންދާ ޓެރެރިސްޓް ހަމަލާތަކުގެ ސަބަބުން ފްރާންސް އިން ވަނީ އެ ގައުމުގެ ސްޓޭޑިއަމްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށް ސަޕޯޓަރުންނަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް ބުނަމުންނެވެ.