29 Mar 2016, 09:23
ވޮޝިންޓަން (މާޗް 29): އެމެރިކާގެ ސެން ބާނަޑީނޯގައި ބަޑިން ހަމަލާދީ 14 މީހަކު މަރާލި ރިޒްވާން ފާރޫކުގެ ތަޅުލާފައިވާ އައިފޯނު، އެޕަލްގެ އެހީއާ ނުލާ އެފްބީއައި އިން ހުޅުވައިފި ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާންޓްމެންޓުން ބުނެފި އެވެ.
މިދިޔަ މަހު އެމެރިކާގެ ކޯޓަކުން ވަނީ ޕާސްވޯޑު ޖަހާފައިވާ ފާރޫގުގެ އައިފޯނު ހުޅުވުމަށް އެޕަލްގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް، އެޕަލްގެ އެހީއާ ނުލައި އިއްޔެ އެފޯނު ހުޅުވުމުން، ޖަސްޓިސް ޑިޕާންޓްމެންޓުން ވަނީ އަމުރު ބާތިލުކޮށް ދިނުމަށް އެދިފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިޒްވާން ފާރޫގާއި އޭނާގެ އަނބިމީހާ، ތަޝްފީން މާލިކް ސެން ބާނަޑީނޯގެ 14 މީހަކު މަރާލުމުން، ފުލުހުންނާއި އެދެ މީހުންނާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި ފުލުހުން ވަނީ އެދެމީހުން މަރާލާފަ އެވެ. ސެން ބާނަޑީނޯ އަށް ހަމަލާ ދިން ދުވަހު ތަޝްފީން ވަނީ އައިއެސްއަށް ވާގިވެރިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފަ ކަމަށް އެމެރިކާގެ އޮފިޝަލުން ބުންޏެވެ.
"ތިން ވަނަ ފަރާތެއް"ގެ އެހީގައި އައިފޯނު ހުޅުވިދާނެ ގޮތެއް ހޯދާފައިވާ ކަމަށް އެމެރިކާގެ ޕްރޮސިކިއުޓަރުން ވިދާޅުވީ މިދިޔަ ހަފްތާގަ އެވެ.
އެޕަލްއިން ވަނީ އެފްބީއައި ބޭނުން ކުރަން އުޅޭ އާއުކުޅުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އައިފޯނުގެ ސެކިއުރިޓީ ސިސްޓަމުން ފާހަގަ ކުރެވުނު އުނިކަމެއް ސަރުކާރުން އެޕަލްއަށް ކިޔާދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެޕަލްއިން ބުންޏެވެ. (ބީބީސީ)