30 Apr 2011, 16:14
އެއާ އިންޑިޔާގެ ޕައިލެޓުންގެ ހަޅުތާލާ ގުޅިގެން ރާއްޖެ ނާދެވިފައި ތިބި މީހުންނަށް މޯލްޑިވިއަނުންނަށް ހާއްސަ ފްލައިޓްތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ އެޑްމިން މެނޭޖަރު އަލީ ނަޝާތު މިއަދު ވިދާޅުވީ އެއާ އިންޑިޔާގެ ޕައިލެޓުންގެ ހަޅުތާލާ ގުޅިގެން ރާއްޖެ އަންނަ ބޭނުންވެ، ނާދެވިފައި ތިބި މީހުންނަށް ޙާއްސަކޮށްގެން ފްލައިޓްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ޝެޑިއުލް ފްލައިޓްގެ އިތުރުން ފަސް ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފުރަތަމަ ފްލައިޓް އޮންނާނީ މިރޭ ޓްރިވެންޑްރަމުން މާލެ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުވާލަކު ދޭއް ނުވަތަ ތިނެއް ޝެޑިއުލް ފްލައިޓް މާލެ ޓްރެވިންޑަރަމް ސެކްޓާގައި އޮންނަ އިރު ހާއްސަ ފްލައިޓްތަކުގެ ދަތުރުތައް އޮންނާނީ އެ ފްލައިޓްތަކާ މުޅިން ވަކިން. ދަތުރުކުރާ ގަޑި ވެސް ތަފާތުވާނެ،" ނަމަވެސް ނަޝާތު ވިދާޅުވީ ފްލައިޓްތައް ބާއްވާނީ ހަޅުތާލު ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވާނަމަ އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން އެއާއިންޑިޔާގެ ޕައިލެޓުތަކެއް ކުރަމުން ގެންދާ ހަޅުތާލުގެ ސަބަބުން ހަ މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އެއާ އިންޑިޔާ އިން ވަނީ ބުނެފަ އެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން އެއާ އިންޑިއާއާ އެއްކޮށްލާފައިވާ އިންޑިއަން އެއާލައިންސްގެ ޕައިލެޓުން ހަޅުތާލުކުރަމުން ގެންދަނީ އެ މީހުންނަށް ލިބޭ މުސާރަ، އެއާ އިންޑިޔާގެ ޕައިލެޓުންނަށް ލިބޭ މުސާރަ އަށް ވުރެ މަދު ކަމަށް ބުނެ އެވެ. މި ހަޅުތާލުގައި 800 ޕައިލެޓުން ބައިވެރިވެ އެވެ.