ސީއެޗްއެސްސީގެ ކެންޓީން ހިންގަން ގ. ސައުތު ބްރީޒް، މުހައްމަދު ތައުފީގު (ސައުތު ތައުފީގު) އާ އެކު އެޑިޔުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާތިލުކޮށް، ކެންޓީނު ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، ކެންޓީނު ހިންގުމުގެ ފުރުސަތު ސައުތުބީޗަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމްގައި ވަނީ ކެންޓީނު ހިންގުން ސައުތު ތައުފީގު އަތުން ވަކިކޮށްފައި ވަނީ، ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގައިވާ އިޖުރާއަތްތަކުގެ ބޭރުން، އެއްބަސްވުމާ ހިލާފަށް ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

އަދި އެއްބަސްވުން ބާތިލުކޮށްފައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެއްބަސްވުން ކުރިއަށް ގެންދެވެން ނެތިގެން ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެހެންކަމުން އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތައި، އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ސީއެޗްއެސްއީގެ ކެންޓީނު ހިންގުމުގެ ފުރުސަތު ސައުތުބީޗަށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އޭގެ އިތުރުން މިނިސްޓްރީ އިން ކެންޓީނު ނެގިފަހުން ފާއިތުވި 60 މަސް ދުވަހުގެ ތެރޭގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 35،557،710 ރުފިޔާ ހޯދަން އެދިފައިވީ ނަމަވެސް، ބަޔާންކުރެވުނު މުދަތުގައި ސައުތު ތައުފީގަށް އެވަރުގެ ގެއްލުމެއް ލިބިފައިވާކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ސައުތު ތައުފީގުގެ ސައުތުބީޗަށް އެ ކެންޓީން ހަވާލު ކުރީ 2009 ވަނަ އަހަރު އެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ސައުތު ތައުފީގާ ދެމެދު ވެވުނު އެއްބަސްވުން ބާތިލުކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އެއްބަސްވުން ބާތިލްކުރުމަށް ފަހު އެ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ކުރިން ކެންޓީނު ސީއެޗްއެސީއާ ހަވާލުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.