28 Mar 2016, 23:45
އަފްޣާނީސްތާނުގެ ބަގްރާމްގައި ހުންނަ އެމެރިކާ ސިފައިންގެ ވައިގެ ބަނދަރުގެ ކައިރީގައި އެމެރިކާ ސިފައިންގެ މީހަކު އަފްޣާންގެ ކުޑަ ފިރިހެންކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ނަމާއި އުމުރު ހާމަކޮށްފައި ނުވާ، އެ ފިރިހެން ކުއްޖާގެ ގަޔަށް އެމެރިކާ ސިފައިންގެ މީހަކު ބަޑިޖެހީ، އެކުއްޖާ "އޮޓޮމެޓިކް ރައިފަލެއް ކަމަށް ބެލެވޭ އެއްޗެއް" ހިފައިގެން ވައިގެ ބަނދަރުގެ ގޭޓާ ދިމާއަށް އައުމުން ކަމަށް، ބަގްރާމް ވައިގެ ބަނދަރު ހުންނަ، ޕަރްވާން ޕްރޮވިންސްގެ ޗީފް އޮފް ޕޮލިސް ޖެނެރަލް ޒަމާން މަމޮޒާއީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ބުނެފައި ވެއެވެ.
ބަޑިޖެހުމުގެ ކުރިން، ވޮޗްޓަވަރުގައި ޑިއުޓީގައި ހުރި އޮފިސަރު އެކުއްޖާއަށް ކުރިއަށް ނައިސް ހުއްޓުމަށް އިންޒާރު ދިންކަމަށާއި، އަދި އެއަށް ފަހު ބަޑިޖެހީކަމަށްވެސް މަމޮޒާއީ ވިދާޅުވިއެވެ.
ކުޑަ ފިރިހެންކުއްޖާގެ ގަޔަށް ބަޑިޖަހައި މަރައިލި ހާދިސާއާ ގުޅިގެން، އެ ސަރަހައްދަށް މިއަދު އެ އަވަށުގެ މީހުން އެއްވެ އިހްތިޖާޖު ކުރިކަމަށާއި ނަމަވެސް ހާދިސާ ހިނގަން މެދުވެރިވީގޮތް ކިޔައިދިނުމުން އެމީހުން އެނބުރި ދިޔައީ ކަމަށްވެސް މަމޮޒާއީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.
އަފްޣާނިސްތާނުގައި ހުންނަ، އެމެރިކާ ވައިގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޗާލްސް ކްލިވްލޭންޑް ވެސް ވަނީ، ކުޑަކުއްޖާ ގަޔަށް ބަޑިޖެހި ހާދިސާ ތަހުގީގުކުރަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ.
ކާބުލްގެ 50 ކިލޯމީޓަރު އުތުރުގައި އޮންނަ ބަގްރާމް ވައިގެ ބަނދަރަކީ، އަފްޣާނިސްތާނުގައިވާ އެމެރިކާ ސިފައިންގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ. 1950 ވަނަ އަހަރު ގާއިމްކުރެވުނު އެ ވައިގެ ބަނދަރުވަނީ އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާން ހިސޯރުކުރުމަށް ފަހު، އެތަން އިތުރަށް ބޮޑުކޮށް އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާންގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ މައި މަރުކަޒުކަމަށް ހަދައިފައެެވެ.
އެމެރިކާ ސިފައިން އަފްޣާނުން ފޭބުމަށް ކުރިން ނިންމާފައިވީ ނަމަވެސް، އެގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސް ބަރަކް އޮބާމާ ވަނީ، 2017ގެ ނިޔަލަށް ވެސް އަފްޣާންގައި އެމެރިކާ ސިފައިން ތިބޭގޮތަށް ނިންމަވައިފައެވެ.