28 Mar 2016, 22:39
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުގެ ގްރޭންޑް ހިޔަޓް ހޮޓަލުގައި މިރޭ ބޭއްވި ހަފްލާގައި ރާއްޖޭގެ ހަމަޖެހުމާއި ތަނަސްވަންކަމުގެ ފުރުސަތުތައް އުފެއްދުމަށް ރައީސް ޔާމީން ގެންގުޅުއްވާ އެޖެންޑާގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
މީގެ އިތުރުން، ތައުލީމާއި ކިޔެވުމުގެ އެންމެ މުހިއްމު އެއް ބަޔަކީ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމުގެ ބަދަލުގައި ފާޑުކިޔުމުގެ ނަޒަރަކުން ވިސްނައި ހާލަތާއި ކުރާކަންތަކަށް ބަލައިގެން މީހުންނާ މެދު ގޮތް ނިންމުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ހަފުލާގައި ރައީސްގެ ދެކަނބަލުންނާއި ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ފަހުމީ ހަސަނުގެ އިތުރުން ރައީސްގެ އަރިހުގައި މެލޭޝިއާ އަށް ވަޑައިގަތް ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ރައީސްގެ ދެކަނބަލުން މެލޭޝިއާ އަށް ފުރާވަޑައިގެންފައި ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގު ދައުވަތަކަށް އިއްޔެގެ ވަގުތެއްގަ އެވެ. އަދި ބޮޑު ވަޒީރާ އެކު ބާއްވާ ރަސްމީ ވާހަކަފުޅުތައް މާދަމާ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.