30 Apr 2011, 16:09
ސިއްހީ ދާއިރާގައި ހުރި އިހުމާލުވުންތަކާ ގުޅޭ ގޮތުންނާއި ސިއްހީ ދާއިރާއާ ގުޅޭ ގާނޫނުތަކާ ބެހޭ ގޮތުން އައިޖީއެމް ހޮސްޕިޓަލުގައި ސެމިނާރެއް ބާއްވައިފި އެވެ.
އައިޖީއެމްއެޗްގައި މިއަދު ހެނދުނު ބޭއްވި ސެމިނާރާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސޫދު އެންޑް އަންވަރު ކޯގެ ޤާނޫނީ ވަކީލު، އިސްމާއިލް ވިޝާމް މިއަދު ވިދާޅުވީ އެ ސެމިނާރުގައި މައުލޫމާތުދީފައި ވަނީ މެޑިކަލް ނިގްލިޖެންސް ނުވަތަ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ އިރު މަސައްކަތުގައި އިހުމާލުވުން އަންނާނެ ހާލަތްތަކާ ބެހޭ ގޮތުން ކަމަށެވެ.
އެ ސެމިނާރުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ޑްރާފްކުރަމުން އަންނަ، ސިއްހީ ދާއިރާގައި ހިދުމަތްކުރާ ފަރާތްތަކުގެ ބިލާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރުމުގައި އިހުމާލުވުމުގެ ބިލަށް އަލިއަޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސެމިނާރުގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ބޮޑަށް ފޯކަސްކުރީ. އެ ބޭފުޅުންގެ ކޮންސާން[ކަންބޮޑުވުން] އަކަށްވީ ބިލްގެ ދަށުން ޕޭޝަންޓުންނަށް[ ބަލި މީހުންނަށް] ވަރަށް ބޮޑެތި ހިމާޔަތެއް ލިބިދޭ އިރު ޑޮކްޓަރުންނަށް ނެތޭ އެއްވެސް ހިމާޔަތެއް،" ވިޝާމް ވިދާޅުވި އެވެ.
ސޫދު އެންޑް އަންވަރު ކޯ އިން ބުނީ އެ ސެމިނާރަކީ ޤާނޫނުތަކަށް އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން އެ ލޯފާމުން ހިލޭ ސާބަހަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ބޭއްވި ސެމިނާރެއް ކަމަށެވެ. އަދި މި މަހުގެ ކުރީކޮޅު ވެސް އެ ލޯފާމުން ވަނީ ކޮޕީރައިޓް ޤާނޫނާ ބެހޭ ގޮތުން މުނިފޫހިފިލުމުގެ ދާއިރާގެ ހަރަކާތްތެރިވާ ފަންނާނުންނަށް މައުލޫމާތުދީފަ އެވެ.
މިއަދުގެ ސެމިނާރުގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނާ އެކު ޖުމްލަ 45 ސްޓާފުން ބައިވެރިވި ކަމަށް އެ ލޯފާމުން ބުންޏެވެ.