ކުރިން ދިރާގު ކަސްޓަމަރ ފްރަންޓް އޮފީސް ހިންގަމުން އައި މެދުޒިޔާރަތް މަގު ސައިޓުގައި ހުރި މުހިއްމު ޓެކްނިކަލް އިކުއިޕްމަންޓްތަކެއް އެހެނިހެން ސަރަހައްދުތަކަށް ބަދަލުކުރުމާއި، ދިރާގު ފިކްސްޑް ނެޓްވޯކް އަޕްގްރޭޑްކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިހާރު ކުރިއަށްގެންދާ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، މިހާރު ކުރިއަށްގެންދާ އަޕްގްރޭޑް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް މީގެ ކުރިން އެކިފަހަރުމަތިން ކަސްޓަމަރުންނަށް އަންގާފައި ވާނޭ ކަމަށެވެ.

" މީގެ ސަބަބުން އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ދަތިވާ ކަސްޓަމަރުންގެ ހިދުމަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް، މި މަސައްކަތް ކުރިޔަށް ގެންދެވިދާނެ ގޮތްތައް ދިރާގުން މިހާރުވެސް މިދަނީ ބަލަމުންނެވެ." ދިރާގުން މިރޭ ނެރުނު ބަޔާނެއްގައި ވެއެވެ.

" އަދި ކުރިޔަށް އޮތްތަނުގައި މި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރެވިދާނެ އެންމެހާ ކަންކަންވެސް ބަލަމުންދާ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ."

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކޭބަލްތައް ބަދަލުކުރުމުގެ މަޝްރޫގެ ދަށުން ދިރާގުގެ ކުރީގެ މައި އޮފީސް ހުރި ސަރަހައްދުން ޕޯސްޓަލް ބިލްޑިންގަށް އެ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް މީގެ ހަފްތާއެއްހާ ދުވަސްކުރިން މަސައްކަތް ފެށިއިރު، ދިރާގުން ވަނީ ހަފްތާއެއްހާ ދުވަސްވަންދެން ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށް ބުނެފައެވެ. އެގޮތުން އެ ކޭބަލް ބަދަލުކުރަން ފެށުމާއެކު 2400 ކަސްޓަމަރުންނަށް އެއްފަހަރާ ހިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އޭރު ދިރާގުން ބުނެފައިވެއެވެ.

ދިރާގުން ބުނީ، ފިކްސްޑްލައިން އަޕްގްރޭޑްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދާ ދުވަސްވަރު ކަސްޓަމަރުންގެ ފަރާތުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލުމަށް އެންމެހާ ކަސްޓަމަރުންނަށް ޝުކުރު އަދާކުރާކަމަށެވެ.