ވަގަށްނެގުމަށް ފަހު އެޕާޓްމަންޓެއްގައި ހައްޔަރުކޮށްގެން ގެންގުޅުނު ކުޑަ ކުއްޖަކު، އެޕާޓްމަންޓުގައި ހައްޔަރުކޮށްގެން ގެންގުޅޭތާ ދެ އަހަރު ފަހުން ސަލާމަތްވެއްޖެ އެވެ.

ޓޯކިޔޯގެ ފްލެޓެއްގައި ހައްޔަރުކޮށްގެން ގެންގުޅުނު 15 އަހަރުގެ އެ ކުއްޖާ ސަލާމަތްވެފައި ވަނީ، އޭނާ ހައްޔަރުކޮށްގެން ގެންގުޅުނު މީހާ ވިޔަފާރިކުރަން ބޭރަށް ދިޔަ ވަގުތު ބަލައި އެޕާޓްމަންޓުން ފިލުމަށް ފަހު ޕޭފޯނެއް މެދުވެރިކޮށް އާއިލާއަށް އެންގުމުންނެވެ.

އެ މައްސަލަ ފުލުހުންނަށް އެންގުމުން ފުލުހުން އައިސް ކުއްޖާ ގެންގުޅުނު އެޕާޓްމަންޓް ރެއިޑްކުރި އެވެ. އަދި ކުއްޖާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި 23 އަހަރުގެ މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.

ތަހުގީގުކުރާ މީހުންނަށް ކުއްޖާ ކިޔައިދިން ގޮތުން، އެޕާޓްމަންޓުން އޭނާ އަށް ފިލުނީ، ވަގަށްނެގި މިހާ ވިޔަފާރިކުރަން ދިޔަ ވަގުތު އޭނާ އަށް އެޕާޓްމަންޓުގެ ދޮރު ތަޅުލާން ހަނދާންނެތުމުންނެވެ. އަދި އޭނާ ގެންގުޅުނީ އައްސައިގެން ނޫން ކަމަށާއި ބައެއް ފަހަރު އެޕާޓްމަންޓުން ބޭރަށް ވެސް ނެރޭ ކަމަށް ބުނެފައިވެ އެވެ.

އެޕާޓްމަންޓުން ސަލާމަތްވި ކުއްޖާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައި ވަނީ މީހަކާ ވާހަކަދައްކަން ހުއްޓަ އެވެ. އަދި ގެއްލުނު ފަހުން، އެ ކުއްޖާގެ އަތުލިޔުމުން "އަހަރެން ހޯދަން ނޫޅޭ" ލިޔެފައިވާ ނޫޓެއް ފެނުނެވެ.

މައުލޫމާތު: ފޮކްސް ނިއުސް