28 Mar 2016, 18:39
ދިވެހި ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ 2016 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބޮޑުބައެއް ޒުވާން އެތުލީޓުންނަށް އިތުރު ތަމްރީން ދިނުމަށް ހިމަނައި ފާސްކޮށްފިއެވެ.
މިއަހަރަށް އޮލިމްޕިކް ކޮމެޓީން ލަފާ ކުރާ ބަޖެޓް ފާސްކޮށްފައިވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި އެ ކޮމެޓީގެ އަހަރީ އާންމު ޖަލްސާއަށް ބަޖެޓް ހުށަހަޅައި އެއްވެސް ބަދަލެއް ނުގެނެސް ޖަލްސާގައި ބައިވެރިވި ކުޅިވަރު އެސޯސިއޭޝަން ތަކުގެ އަގުލަބިއްޔަތުންނެވެ.
އޮލިމްޕިކް ކޮމެޓީގެ ޖުމްލަ 9.7 މިލިއަން ރުފިޔާގެ ބަޖެޓްގައި ޕްރޮގްރާމްތައް ހިންގުމަށް 7.4 މިލިއަން ހިމަނާފައިވާއިރު އިދާރީ ކަންކަމަށް ހަރަދުކުރަން 2.3 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ބަޖެޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްޓްރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، މިއަހަރަށް ލަފާކުރާ ބަޖެޓްގެ ބޮޑުބައެއް ހިމަނާފައި މިވަނީ ސްކޮލާޝިޕް ތަކަށާއި ތަމްރީން ޕްރޮގުރާމްތައް ހިންގުމަށް ކަމަށެވެ.
"އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އަޅުގަނޑުމެން މި ޓާގެޓް ކުރަނީ 2022 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް އިން މެޑަލް އެއް ހޯދުމަށް. ކުރިން އަޅުގަނޑުމެން ތަމްރީންތަކަށް މި ފޮނުވަނީ ސީނިއާ އެތުލީޓުން. އެއާ ހިލާފަށް މިފަހަރު މި ބަޖެޓް ކުރެވެނީ ޒުވާން އެތުލީޓުންނަށް އިސްކަންދީގެން،" މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވީ، ތަމްރީންތަކަށް ކަނޑައަޅާފައިވާ ބަޖެޓްގެ %65 ހަރަދު ކުރެވޭނީ 18 އަހަރުން ދަށުގެ ކުދިންގެ ތަމްރީންތަކަށް އެކަނި ކަމަށާއި އެކުދިން ފުރިހަަމަ ކުރާނީ ވެސް ދިގުމުއްދަތަކަށް ދެމިގެންދާ ތަމްރީން ތަކެއް ކަމަށެވެ.
އޮލިމްޕިކް ކޮމިޓީއަށް މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 10.6 މިލިއަން ރުފިޔާ އެވެ. އެއީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި އޮލިމްޕިކް ސޮލިޑާރިޓީން ދޭ ފަސް މިލިއަން ރުފިޔާ އާއި ސަރުކާރުން ދޭ ހަތަރު ލައްކަ ރުފިޔާ ވެސް ހިމަނައިގެންނެވެ. އެހެންކަމުން އެ ބަޖެޓް ވެގެންދާނީ އަށް ލައްކަ ރުފިޔާގެ ފައިދާ ބަޖެޓެކެވެ.