ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު)، ގްރީސްގައި ތިބި ސީރިޔާގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ނާޝިދު މިއަދު ގްރީސްގެ ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކުރައްވާފައި ވަނީ ކޭމްޕުގައި ތިބި މީހުންނަށް ޕާން ހިފައިގެންނެވެ.

އޭނާ ވަނީ އެ ކޭމްޕުގައި ތިބި ކުޑަކުދިންނާއި އެނޫން ވެސް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ކޭމްޕަށް ޒިޔާރަތް ކުރުމުގެ ކުރިން ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ރެފިއުޖީންނަށް ހަދިޔާ ކުރުމަށް ގަނެވުނުހާ އެންމެ ގިނައިން ޕާން ގަތުމަށް މަސައްކަތް" ކުރަމުން އަންނަ ކަމަށެވެ.

ރެފިއުޖީންނަށް ކާއެއްޗެއްހި ހަދިޔާ ކުރުމަށްފަހު ގްރީސްގެ މީޑިއާތަކަށް ދެއްވި އިންޓަވިއު އެއްގައި ނާޝިދު ވިދާޅުވީ، އޭނާ ގްރީސްއަށް ދިޔައީ ރައްޓެއްސެއްގެ ދައުވަތަކަށް ކަމަށާއި، އަދި ކޭމްޕަށް ޒިޔާރަތް ކުރުމުގެ ޚިޔާލު ދިނީވެސް އޭނާ ކަމަށެވެ.

"ސީރިޔާގެ ރެފިއުޖީންގެ މައްސަލަ އަކީ ބައިނަލްއަގުވާމީ މައްސަލައެއް. މިއީ އިންސާނިއްޔަތަށްޓަކައި ހާލުގައި ޖެހިފައިވާ ސީރިޔާގެ ރައްޔިތުންނަށް އަޅުގަނޑު ވެދިން އެހީތެރިކަމެއް،" ނާޝިދު ވިދާޅުވި އެވެ.

ރެފިއުޖީންނަށް ޕާން ހަދިޔާ ކުރުމަށްފަހު ނާޝިދު ގްރީސްގެ މީޑިއާއަށް މައުލޫމާތު ދެއްވަނީ --

ގްރީސްގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ނާޝިދު ވިދާޅުވީ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ނަމުގައްޔާއި އޭނާގެ އަމިއްލަ ހައިސިއްޔަތުންނާއި އަދި ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ނަމުގައި ކަމަށެވެ.