މާލެ އަމާން ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ފެށި ހާއްސަ އޮޕަރޭޝަންގައި ގިނަ ގެސްޓް ހައުސްތަކެއް ފާސްކޮށް، ހަތިޔާރާ އެކު ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށްފި އެވެ.

ކުށްކުރުން ހުއްޓުވުމަށްޓަކާ ފުލުހުންނާއި ސިފައިން ފަށާފައިވާ ހާއްސަ އޮޕަރޭޝަނާ ބޭހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުން ފާސްކުރި ގެސްޓް ހައުސްތަކުން މާރާމާރީ ހިންގުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ އެއްޗެއްސާ އެކު ގިނަ ބަޔަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ޒުވާން އަންހެން ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ވަނަވަރާއި ހައްޔަރު ކުރި މީހުންގެ އަދަދެއް އެނާ ވިދާޅެއް ނުވި އެވެ.

"ހާއްސަ އޮޕަރޭޝަންގެ ދަށުން ގިނަ ގެސްޓް ހައުސްތަކެއް ވަނީ ފާސްކޮށްފައި. އަދި ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ. އެ މީހުންގެ ތެރޭގައި އަންހެން ކުދިން ވެސް ހިމެނޭ،" ފުލުހުންނާއި ސިފައިން ފަށާފައިވާ އޮޕަރޭޝަންގެ މައުލޫމާތު ފަހުން މީޑިއާ އަށް އާންމު ކުރާނެ ކަމަށް ވިދާޅުވެ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 16 މައްސަލައެއް މި މަހު ހުށަހަޅާފައިވާ އިރު ގިނަ މައްސަލަތަކަކީ އެ ކުދިން ގެސްޓްހައުސްތަކަށް ގެންގޮސްގެން ބަދުހައުލާގީ އަމަލް ހިންގާފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ކުށްކުރުން މަދުކުރުމަށް ފުލުހުން މިދިޔަ މަހު ފެށި އޮޕަރޭޝަންގައި މުޖުތަމައުގައި ކުށްކުރާ 111 ކުށްވެރިޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.