އިނގިރޭސި ލަވަކިޔުންތެރިޔާ މެޑޯނާއަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ތަރިއެކެވެ. އެހެން ނަމަވެސް އޭނާ މިދުވަސްވަރު ދަނީ އޭނާގެ ޒާތީ ދިރިއުޅުމުގެ ތެރެއިން ބޮޑު ކަމަކާއި ކުރިމަތިލަމުންނެވެ. އޭނާގެ ހަމައެކަނި ދަރިފުޅު ރޮކޯގެ ބެލެނިވެރިކަން ހޯދުމަށް މެޑޯނާ ދަނީ އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ކޯޓުގައި ހަނގުރާމަ ކުރަމުންނެވެ.

ކުރީގެ ފިރިމީހާ އަދި ފިލްމު އުފެއްދުންތެރިޔާ ގާއި ރިޗީއާއި މެޑޯނާއާ ދެމީހުން ދަރިފުޅު ހޯދުމަށް ކޯޓުގައި ހަނގުރާމަކުރަމުންދާ އިރު، އިނގިރޭސި ހައި ކޯޓަކުން މި ހަފްތާގައި ވަނީ، މެޑޯނާއާއި ރިޗީއާ ދެމީހުން އަމިއްލައަށް މަޝްވަރާ ކޮށްގެން ދަރިފުޅުގެ ބެލެނިވެރިކަމާ މެދު ގޮތެއް ނިންމުމަށް ފުރުސަތު ދީފަ އެވެ.

ނަމަވެސް، މިވަގުތު ގާއި ރިޗީ ހުރީ، 15 އަހަރުގެ ދަރިފުޅު ރޮކޯއާއި އެކު ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސް އެވެ. މި ދަތުރުގައި ރިޗީގެ މިހާރުގެ އަންހެނުން ޖެކީ އެއިންސްލީ ވެސް ދަނީ ބައިވެރި ވަމުންނެވެ. ރޮކޯއާއި ރިޗީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ އިރު، ބައެއް މީހުން ބުނެފައިވަނީ އެ ދެމީހުންގެ ގުޅުން ފެންނަ ފެނުމަށް ވަރަށް ރަނގަޅު ކަމަށެވެ.

މެޑޯނާއާ ގާތް ފަރާތަކުން އިނގިރޭސި ނޫސް "ދަ ސަން" އަށް ބުނީ، މެޑޯނާ ހުރީ ރޮކޯ ސްކޫލަށް ދިއުމުން މިވަގުތު މަހުރޫމުވެފައި ވާތީ އެކަމާ ވަރަށް ކަންބޮޑުވެ ހިތްދަތިވެފައި ކަމަށެވެ.

"ރޮކޯ އެނބުރި ލަންޑަނަށް އައުމުން، މެޑޯނާ ވެސް ހުރީ ލަންޑަނަށް ގޮސް، ރޮކޯ ސްކޫލަށް ގެންގޮސް ހެދުމަށް ތައްޔާރަށް،" މެޑޯނާއާ ގާތް މީހަކު ބުންޏެވެ.