29 Mar 2016, 10:08
ޗައިނާގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި، އެ ގައުމާއި އަރަބި ގައުމުތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އިގްތިސާދީ މާހިރުން ބުނެފި އެވެ.
ބޭންކް އޮފް ސިންގަޕޯގެ އިގްތިސާދީ އިސް މާހިރެއް ކަމުގައިވާ ރިޗަޑް ޖެރަމް ވިދާޅުވީ، ޗައިނާއާ މެދު އިރުމަތީގެ ގައުމުތަކާ ދެމެދު މިދިޔަ 10 އަހަރު ދުވަސް ތެރޭގައި 230 ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބަކީ، އެ ގައުމުގައި ތެލަށް އޮތް ޑިމާންޑު ބޮޑުވުން ކަމަށެވެ.
"މިދިޔަ އަހަރު ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އިމްޕޯޓު ކުރި ގައުމަކީ ޗައިނާ. އެގައުމުން އެތެރެކުރި ތެލުގެ ދެބައިކުޅަ އެއްބައި އައީ މެދު އިރުމަތިން،" ޖެރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަލުއި ބާރުމިނެއްގައި ކުރިއަރަމުން އައި ޗައިނާގެ އިގްތިސާދު މިހާރު މަޑުޖެހެމުންދާ އިރު، މިކަމުން ޗައިނާއާއި މެދުއިރުމަތީގެ ގައުމުތަކާ ދެމެދު ކުރެވޭ ވިޔަފާރީގެ މަސައްކަތްތަކަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ޗައިނާ އިން ދާދި ފަހުން ވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ އެކު ސިނާއީ އަދި ހަކަތައިގެ ޖޮއިންޓް ވެންޗާތަކެއް ކުރިޔަށް ގެންދިއުމަށް ސޮއި ކޮށްފަ އެވެ.
"އިގްތިސާދީ ދުވެލި މަޑުޖެހުމަކުން، މި މަސައްކަތްތަކަށް އަސަރެއް ކުރާނެ ކަމަކަށް ނުބެލެވޭ. މިފަދަ އެގްރީމެންޓްތައް ހަދަނީ ދުރަށް ވިސްނާފައި. އެހެންކަމުން މިފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވެސް ތައްޔާރުވެގެން ކަންނޭނގެ އެގްރީމެންޓްތައް ހަދާނީ ވެސް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އަދި އެންމެ އާބާދީ ބޮޑު ޗައިނާ އިން ހަކަތައަށް އޮތް ޑިމާންޑު ބޮޑުވުން ހުއްޓޭނެ ކަމަކަށް، ނުވަތަ ޑިމާންޑު ކުޑަވާން ފަށާނެ ކަމަށް ނުބެލެވޭ އިރު، ހަކަތައިގެ ދާއިރާގެ މަސައްކަތްތައް ރައްކާތެރިކޮށްގެން ކުރިއަށް ގެންދިއުމަކީ ޗައިނާއަށް މުހިންމު ކަމަކަށް ވާނެ ކަމަށެވެ.
"ޗައިނާ އިން ހަކަތައަށް އޮތް ޑިމާންޑު ދެން ކުޑައެއް ނުވާނެ. ނުވެސް ހުއްޓޭނެ. އެކަމަކު އެ ޑިމާންޑު ބޮޑުވަމުން ދާނީ މަޑު ދުވެއްޔެއްގައި. ޗައިނާ އިން ހަކަތަ އެބަ ބޭނުންވޭ. އެހެންކަމުން ޗައިނާއިން މެދު އިރުމަތީގެ ގައުމުތަކާ މެދު ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
މައުލޫމާތު: ހަލީޖު ޓައިމްސް