ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު، ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި ކުށަކާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރާނަމަ ދައުލަތުން އެ މީހަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީން ފާސްކޮށްފި އެވެ.

ކޮމެޓީގައި ހިމެނިވަޑައިގެންނެވި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު "ސަން" އަށް މިއަދު ވިދާޅުވީ ކުރީގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ޝަރުއީ ކޯޓަކުން ޖިނާއީ ހުކުމެއް އިއްވައިފި ނަމަ އެ ބޭފުޅަކަށް ދެމުން އަންނަ އިނާޔަތްތައް ހުއްޓުމަކަށް އަންނަ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިރު، ކުރި ކުށަކަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެ ހިސާބުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ލަތީފް ވިދާޅުވީ އޭނާ އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ކުރީގެ ރައީސުންނަކީ މަގާމު އަދާކުރެއްވި ދުވަސްވަރާއި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ވަނީ އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތްތައް ދޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ކޮމެޓީން ފާސްކުރުމުގެ ސަބަބުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާއި ރައްކާތެރިކަން ކެނޑިގެން ދާނެ އެވެ. އެއީ ނަޝީދަކީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގައި 13 އަހަރު ދުވަހަށް ޖަލަށް ލާފައިވާ ބޭފުޅެކެވެ.