ފުލުހަކަށާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މިދިޔަ ހަފުތާގައި، މާލޭގައި ފުލުހަކު ދިރިއުޅޭ ގެއަށް ގޮސް ފުލުސް މީހާ އަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ދިނީ ކޮން ދެ މީހުންނެއް ކަމެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.

އެ ދެ މީހުން ހައްޔަރުކުރުމަށްފަހު ޖެހިގެން އައި ދުވަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ދޫކޮށްލީ އެ މައްސަލައަކީ ފުލުހަކަށް އިންޒާރު ދިން މައްސަލައެއް ކަމަށްވެފައި އެ މައްސަލަ ތަހުގީގު ކުރަނީ ވެސް ފުލުހުން ކަމަށްވާތީ ކަމަށް ބުނެ އެވެ.

އެގޮތަށް ނިންމައި ކްރިމިނަލް ކޯޓުގެ ގާޒީއަކު އެމީހުން ދޫކޮށްލި އިރު، މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ފުލުހަކަށް ހަމަލާދިން މައްސަލަ ވެސް ތަހުގީގުކޮށްފައި ވަނީ ފުލުހުންނެވެ. އެ މުޒާހަރާގައި އަދާލަތު ޕާޓީ އާއި އެމްޑީޕީއަށް ނިސްބަތްވާ 14 ވަރަކަށް މީހުން ވަނީ ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިފަދަ ނުރައްކާތެރި ކުށްވެރިން ދޫކޮށްލާތީ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

އުމަރު ވިދާޅުވީ އެފަދަ ކުށްވެރިން ކްރިމިނަލް ކޯޓުން ދޫކޮށްލަނީ ގާނޫނީ އެއްވެސް ބިންގަލެއް ނެތި ކަމަށެވެ.