28 Mar 2016, 15:58
ކުށް ކުރުމަށްފަހު ކުށުން ބަރީއަވުމަށް ގަނޫނުތަކުގެ ތެރެއިން މަގުފައިވެފައިވާ ކަމަށް ފުލުހުން ބުނުފިއެވެ.
ފުލުހުން ބުނީ، ފުލުހުންނަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އާއި އެ އޮފީހުގެ ބައެއް އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ފުލުހުން ވަނީ، ބައެއް ގާނޫނުތައް ހުރި ގޮތުން، ކުށް ކުރުމަށް ފަހު އެކަމުން ސަލާމަތްވުމުގެ ފުރުސަތު ކުށްވެރިންނަށް ފަހިވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހަމައެއާއެކު، މައްސަލަތައް ޕްރޮސެކިއުޓް ކުރުމުގައި ދިމާވާ ބައެއް ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ޕީޖީގެ ކިބައިން ފުލުހުން ވަނީ އެދިފަ އެވެ. ހަމައެއާއެކު ބޮޑެތި މައްސަލަތައް ދިރާސާ ކުރުމުގައި ދެ ފަރާތުންވެސް މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއްދީ މަސައްކަތް އަވަސް ކުރުމަށް އެކަށީގެންވާ ވަގުތުހޭދަ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައި ވެއެވެ.
ހަމައެހެންމެ، ފުލުހުންނަށާއި ޕްރޮސެކިއުޓަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅެއްގެ ގޮތުގައި، އަލަށް ވުޖޫދުވެފައިވާ ޤާނޫނުތަކަށް ހޭލުންތެރިކުރުމަށް ޓްރެއިނިންތައް ހިންގުމާއި ޤާނޫނުލް ޢުޤޫބާތަށް އިތުރަށް އަހުލުވެރި ކުމުގެ ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭ ގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.