28 Mar 2016, 15:24
ދަރިވަރުންނަށް ލިބޭ ނަތީޖާތައް އެއްކޮށް، ރަނގަޅަށް ބެލޭނެ ނިޒާމެއް ގާއިމްކޮށް ދަރިވަރުންގެ ކިޔެވުމުގެ ނަތީޖާ ރަނގަޅު ކުރުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިސްޓްރީން ފަށައިފި އެވެ.
އެ ޕްރޮގްރާމް އިފްތިތާހްކޮށްފައި ވަނީ މިއަދު ވެލާނާގޭގައި އޮތް ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އެ ރަސްމިއްޔާތުގައި މާލޭގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، މިދިޔަ އަހަރުގެ ޖީސީއޯ އޯލްވެލްގެ ނަތީޖާ ރަނގަޅު ކުރިއެރުންތަކެއް ފާހަގަވި ނަމަވެސް، ދާންބޭނުންވި ހިސާބަށް ނުދެވުނު ކަން ފާހަގަކުރެވުނު ކަމަށެވެ.
އެކަން އެގޮތަށް މެދުވެރިވި ސަބަބު ހޯދުމަށް މިނިސްޓްރީން ބެލިބެލުމުން ސަރުކާރުން ތައާރަފްކޮށްފައިވާ ދަސްވާރު ޕްރޮގްރާމަށް ވަންނަން ޖެހޭ ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޖީސީއީއޯ ލެވެލްގެ ނަތީޖާތަކުން، ގިނަ މާއްދާތަކުގައި ބައިވެރިވެ، ފާސްވި މާއްދާތައް މަދުކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދު އިފްތިތާހްކުރި ޕްރޮގްރާމުގެ އެހީގައި ދަރިވަރުންގެ ފެންވަރު ވަޒަންކޮށް ވަކި ދަރިވަރުންނަށް އަމާޒުކޮށްގެން އެ ދަރިވަރެއްގެ ކިޔެވުން ކުރިއަށްދާގޮތާއި އިތުރު އެހީއަށް ބޭނުންވާ މާއްދާތައް ފާހަގަކުރެވޭނެ ކަމަށެވެ.
އަދި އެހީތެރިކަން އެންމެ ބޭނުންވާ މާއްދާ އެނގި، ސްކޫލް ލެވެލްގައި އެންމެ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ މާއްދާތައް ވެސް ފާހަގަކުރެވިގެންދާނެ ކަމަށެވެ.
އެއްކުރެވޭ މައުލޫމާތުތަކަށް އަޅާބަލައި ސްކޫލުގައި ކިޔަވައި ދެވޭ މާއްދާތަކުގެ ތެރެއިން ކޮންމެ ގްރޭޑްއަކުން ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ މާއްދާތައް ވެސް އެގިގެންދާނެ އެވެ. އަދި ޓީޗަރުންނަށް ތަމްރީން އެންމެ ބޭނުންވާ ދާއިރާ ފާހަގަކުރެވި އެދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުސަތު ފަހިވާނެ އެވެ.
އެ ޕްރޮގްރާމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ދަރިވަރުންގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް އެ ދަރިވަރުން ކިޔަވާ ސްކޫލުގެ ފެންވަރު ވެސް ކަނޑައެޅޭނެ އެވެ. އެގޮތުން އެ ސްކޫލަކީ ކޮން ފެންވަރެއްގެ ނުވަތަ ކޮން ގްރޭޑެއްގެ ސްކޫލެއްކަން އެނގި، ސްކޫލްތަކުން ކުއަންޓިޓިއަށް ވުރެ ބޮޑަށް ކޮލެޓީ އަށް މަސައްކަތްކުރުމަށް އެހީތެރިވެދެވޭނެ އެވެ.
ކޮންމެ ދަރިވަރަކީ ވެސް ފަސް މާއްދާ އިން ފާސްވާ ދަރިވަރަކަށް ހެދުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެކެވެ.
އެގޮތުން މިއަދު އިފްތިތާހްކުރި ޕްރޮގްރާމްގެ ދަށުން ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭން ތައްޔާރުކުރުމަށް އެހީއަކަށްވެ، ދަރިވަރުންގެ ތެރެއިން ދަސްވާރު އަދި ބީޓެކް ހަދާނެ ކުދިން އޮޓަމެޓިކުން ފާހަގަކުރެވި، އެކުދިންނަށް ހަދަން ޖެހޭ ތިން މާއްދާތަކުގައި އިތުރަށް އެހީތެރިކަން ދެވޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އެ ޕްރޮގްރާމުގެ ސަބަބުން އެއް ސިސްޓަމެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ މައުލުމާތު ގެންގުޅެވޭނެ ކަމަށެވެ.