30 Apr 2011, 15:04
އެމްޑީޕީގެ އިސް މަގާމުތަކަށް މެމްބަރުން ހޮވުމަށް ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާމީހުންގެ ރަޖިސްޓްރޭޝަންގެ މައްސަލަ ކުރިމަތިވެ، ބައެއް މީހުންނަށް ވޯޓުނުލެވޭ ކަމަށް އިންތިހާބުގެ ކޯޑިނޭޓާ މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.
ގަސަމް ވިދާޅުވީ، މައިގަނޑު ގޮތެއްގައި ދިމާވަމުންދާ މައްސަލައަކީ ވޯޓުލާ މީހުންގެ ލިސްޓުގައި ނަން ނެތް މައްސަލަ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ބައެއް މެމްބަރުންގެ ނަން ލިސްޓުގައި ނެތިގެން މިއަދު ޗެކުކުރިއިރު އެހެން ޕާޓީތަކަށް ރަޖިސްޓްރީކޮށްފައިވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހާމަކޮށްފައިވާނެ ރަޖިސްޓްރީތައް ޗެކުކުރުމަށް ނަންބަރެއް. އެ ނަންބަރަށް އެސްއެމްއެސްކޮށްގެން ބައެއް މެމްބަރުންގެ ނަންތައް ސާފުވޭ. ދެން އަނެއްބައި މީހުން އެސްއެމްއެސްކޮށްގެން ވެސް އިލެކްޝަން ވެބްސައިޓުން ވެސް އެބަ ދައްކާ އެހެން ޕާޓީއަކަށް އެ މެމްބަރުން ރަޖިސްޓްރީވެފައި އޮތް ކަމަށް. އެ މެމްބަރުން އެބަބުނޭ އެންމެފަހުން ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރައިމަރީސް އޮތް އިރު ވެސް ވޯޓު ދިން ކަމަށް. އެކަމަކު މިހާރު ދައްކަނީ އެހެން ޕާޓީއަކަށް ރަޖިސްޓްރީ އޮތް ތަން އެހެންވީމަ ވޯޓެއް ނުލެވޭ،" ގަސަމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓްރީކުރަން ޖެހޭއިރު، އެކަން ނުކުރާ ބައެއް ފަރާތްތަކަށް ވެސް މިއަދު ވޯޓުނުލެވޭ ކަމަށެވެ.
ރަޖިސްޓްރީ ބަދަލުކުރުމަށް އެދުނީ 280 ފަރާތަކުން ކަމަށާއި އެ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމުގައި ގަސަމް ވިދާޅުވި އެވެ. ނަމަވެސް ރަޖިސްޓްރީ ބަދަލުނުކުރާ ފަރާތްތަކަށް ވޯޓުލެވޭނީ އެންމެ ފަހުން ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް އެމީހަކު ރަޖިސްޓްރީވި ތަނެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގައި އަސްލު މެމްބަރުން އެބަޖެހޭ އެ މެމްބަރެއްގެ ޒިންމާ އަދާކުރަން. ކޮންމެ މެމްބަރަކު ވޯޓުލާ ދުވަހު ޕާޓީގެ ރަޖިސްޓްރީގައި ނަން އޮތްތޯ ވެސް މި ބަލަނީ. ދުރާލާ ވޯޓުލުމަށް ތައްޔާރުނުވާ މައްސަލަ މީގައި އަސްލު މައްސަލައަކީ." ގަސަމް ވިދާޅުވި އެވެ.
އިންތިހާބުގައި ކުރިމަތިވަމުންދާ މައްސަލަތައް ނޯޓުކުރަމުންދާ ކަމަށާއި އެ މައްސަލަތައް ކުރިއަށް އޮތްތަނުގައި ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިސް މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ މި އިންތިހާބުގައި އެ ޕާޓީ އަށް ރަޖިސްޓްރީކޮށްފައިވާ 46،125 މެމްބަރުންގެ ތެރެއިން އެންމެންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ ހަމައެކަނި ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންނަށެވެ. އެހެން ކެންޑިޑޭޓުންނަށް ވޯޓުލުމަށް ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހެ އެވެ.
މިހާތަނަށް އައިއިރު ވޯޓު ލުމަށް ނުކުމެފައި ވަނީ މަދު ބަޔެކެވެ. އެގޮތުން މިއަދު 11:00 ޖަހާއެހާކަންހާއިރު ވޯޓުލީ މީހުން ޗެކުކުރި އިރު ވޯޓުލާފައި ވަނީ 600 އެއްހާ މީހުން ކަމަށް އެމްޑީޕީން ބުނެ އެވެ.