28 Mar 2016, 14:15
ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު، ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި ކުށަކާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރާނަމަ ދައުލަތުން އެ މީހަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ބަލައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުގެ ޖަލްސާގައި ބަލައިގަތީ 44 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިލުގެ ބަހުސް މަރުހަލާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ވަނީ ވަނީ އެ އިސްލާހު ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވުމަށް ހުށަހަޅާފަ އެވެ. އަދި އެ ހުށަހެޅުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވަނީ ތާއީދުކުރައްވާފަ އެވެ.
ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީ:
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ
- ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
- މަނަދޫ ދާއިރާގެ އުމަރު ހުސައިން
- އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު
- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް
- ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިރު، ކުރި ކުށަކަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެ ހިސާބުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
ލަތީފް ވިދާޅުވީ އޭނާ އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ޓަކައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ކުރީގެ ރައީސުންނަކީ މަގާމު އަދާކުރެއްވި ދުވަސްވަރާއި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ވަނީ އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތްތައް ދޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާއި ރައްކާތެރިކަން ކެނޑިގެން ދާނެ އެވެ. އެއީ ނަޝީދަކީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގައި 13 އަހަރު ދުވަހަށް ޖަލަށް ލާފައިވާ ބޭފުޅެކެވެ.