28 Mar 2016, 14:34
ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރުމަށް 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދިނުމަށް މާލިއްޔަތު ކޮމެޓީގެ މެމްބަރުން އެއްބަސްވެއްޖެ އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރު ވަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބުލިއުއެސްއީން ކުރަމުންދާތީ އެކަން އެ ނޫން ގޮތަކަށް ކުރުމާ މެދު މަޝްވަރާ ކުރައްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެންނެވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ފަހު އެ މަސައްކަތް ޒިންމާދާރުކަމާ އެކީ ބަލަހައްޓާނެ ކުންފުންޏެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކުންފުންޏަކީ އެފަދަ މަސައްކަތް ކުރަން އެނގޭ ކުންފުންޏަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މިހާރު މި ގެންދާ އުސޫލު ބަދަލުކޮށް ސަރުކާރުން އެބަޖެހޭ މިކަން ކުރެވޭވަރުގެ ކުންފުންޏަކާ މަސައްކަތްތައް ހަވާލުކުރަން. މިހާރު މި މަސައްކަތްތައް ދަނީ އެއްވެސް އުސޫލަކުންނެއް ނޫން. އެންވަޔަރަމަންޓު މިނިސްޓްރީގެ ތެރެއިން ޓެންޑާކޮށްގެން ވެސް މިކަން އެބަ ކުރޭ،" ގަފޫރު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައަކީ ރަނގަޅު ނަރުދަމާއެއް ނެތުމާއި ސާފު ބޯފެން ނުލިބުމުގެ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ހައްލު ގެނައުމަށް ސަރުކާރު ބާރު ސުޕީޑުގައި މަސައްކަތް ކުރަމުންދާ އިރު އެކަން ކުރަމުންދަނީ ބަޖެޓަށް އެންމެ ލުއިކޮށްތޯ ބަލަން ޖެހޭ ކަމަށެވެ.
"އެމްޑަބްލިއުއެސްސީން އަޅުގަނޑު ނިސްބަތްވާ ދާއިރާގައި ނަރުދަމާގެ މަސައްކަތް ކުރަން ބުނީ 60 މިލިއަން ރުފިޔާ އަށް. އަޅުގަނޑު ބުނިން އަޅުގަނޑުގެ ދާއިރާވިއަސް އެ އަގުގައި އެކަން ކުރާކަށް ބޭނުމެއް ނޫނޭ. އެންމެފަހުން އިތުރު ކުންފުނިތަކާ އެކު މަޝްވަރާ ކުރީމަ އެއްކަލަ 60 މިލިއަނަށް އެމްޑަބްލިއުއެސްސީން ބުނި މަސައްކަތް ތިރިވީ 30 މިލިއަނަށް،" ރިޔާޒު ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުން ނިންމާލައްވަމުން މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ދިނުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެ ކޮމެޓީއަށް ހާޒިރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަން ވެސް ހާޒިރުކޮށް އެ މަސައްކަތް އެ ކުންފުންޏަށް ކުރެވިދާނެތޯ މަޝްވަރާ ކުރައްވާނެ ކަމަށެވެ.