ޖަޕާނުން މާބަނޑު 200 ބޮޑުމަސް ޝިކާރަކޮށް، މަރާލާފައިވާ ކަމަށް ނޭޝަނަލް ޖޯގްރަފިކްއިން ހާމަކޮށްފި އެވެ.

ޖަޕާނުގެ ސެޓޭޝަން ރީސާޗް އިންސްޓިޓިއުޓާއި ހަވާލައިދީ، ނޭޝަނަލް ޖޯގްރަފިކްއިން ބުނެފައި ވަނީ، އެންޓާކްޓިކާ ސަރަހައްދުގައި ޖަޕާނުން 333 ބޮޑުމަސް ޝިކާރަ ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި މާބަނޑު 200 ބޮޑުމަސް ހިމެނޭ ކަމަށެވެ.

ނޭޝަނަލް ޖޯގްރަފިކްއިން ބުނީ، ޖަޕާނުގެ ހަތަރު ބޯޓެއް، އާކްޓިކް ސަރަހައްދުގައި ބޮޑު މަހުގެ މަސްވެރިކަމާ ބެހޭ "ސައިންޓިފިކް" މަސައްކަތްތަކެއް ކުރުމަށް ފަހު މި ހަފްތާގައި އެނބުރި ގައުމަށް އައިސްފައިވާ ކަމަށެވެ.

ޖަޕާނަކީ ބޮޑުމަހުގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގައުމެވެ. ބޮޑުމަހުގެ މަސްވެރިކުރުން 1986 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި މަނާ ކުރި ނަމަވެސް، ސައިންޓިފިކް ދިރާސާތައް ކުރުމަށް ޓަކައި މިކަމަށް ބައެއް ފަހަރު ކުރުމުގެ ހުއްދަ ދެވެ އެވެ.

މި ހަފްތާ ތެރޭގައި ޖަޕާނަށް އެނބުރި އައި ހަތަރު ބޯޓު ވެސް، އެންޓާކްޓިކް ކަނޑުގައި ބޮޑުމަހުގެ މަސްވެރިކަން ކޮށް، 300 އަށް ވުރެ ބޮޑު މަސް ބާނާފައި ވަނީ "ސައިންޓިފިކް" ދިރާސާގެ ނަމުގައި ކަމަށް ބެލެވެ އެވެ.

ޖަޕާނުން ކުރިޔަށް ގެންދާ މި މަސައްކަތާއި މެދު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން 2014 ވަނަ އަހަރު ސުވާލު އުފެއްދުމާއި އެކު ޖަޕާނުން ވަނީ މަދު ދުވަސްކޮޅަކަށް އެ މަސައްކަތް ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އަނެއްކާވެސް އެގައުމުން ވަނީ ބޮޑުމަހުގެ މަސްވެރިކަން ކުރަން ފަށާއިފަ އެވެ.

މައިލޫމާތު: އިންޑިޕެންޑެންޓް، ޔޫކޭ