28 Mar 2016, 15:58
ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމުގައިވާ ޗައިނާގެ އިގްތިސާދު މަޑުޖެހި، ކުންފުނިތަކުން އުފައްދާ ވަޒީފާތަކުގެ މިންވަރު މަދުކޮށްފި އެވެ.
ޗައިނާގެ ގިނަ އަދަދެއްގެ ވިޔަފާރި ކުންފުނިތައް މިހާރު ވެސް ހުރީ ދަރަނިވެރި ހާލަތުގަ އެވެ. އެ ކުންފުނިތަކުން ފައިސާ ޚަރަދުކުރުން މަދުކޮށް، އެކި ދިމަދިމާލުން ލޯނު ފައިސާ ނެގުން އިތުރު ކޮށްފަ އެވެ.
ޗައިނާގައި 2،200 އަށް ވުރެ ގިނަ ވިޔަފާރި ކުންފުނީގެ މެދުގައި ހެދި ދިރާސާއަކަށް ފަހު، ޗައިނާގެ ވިޔަފާރި އާއި އިގްތިސާދާއި ބެހޭ ދިރާސާކޮށް، ޑޭޓާ އެނެލައިޒް ކުރާ ޗައިނާ ބީޖް ބުކް (ސީބީބީ)އިން ބުނީ، ޗައިނާގެ ކުންފުނިތައް ތިބީ ވަޒީފާތައް އުފައްދައި، މުވައްޒަފުން އިތުރު ކުރުމަށް "އެލާޖިކް"ވެފައިވާ ކަމަށެވެ.
ސީބީބީ އިން ބުނީ، ޗައިނާގެ ޖޮބް މާކެޓް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދަށްވެފައިވާ ކަމަށެވެ.
ސީބީބީ އިން ސާވޭ ކުރި ކުންފުނިތަކުގެ 15 ޕަސެންޓް ބުނީ، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އެކުންފުނިތަކުގެ ވަޒީފާތައް މަދުކޮށްފައިވާ ކަމަށެވެ. އަދި 23 ޕަސެންޓް ކުންފުނިތަކުން މުވައްޒަފުން އިތުރުކުރާ ކަމަށް ބުނި އިރު، މިދިޔަ އަހަރާ ބަލާއިރު މިއީ ނުވަ ޕަސެންޓްގެ ދަށްވުމެއް ކަން ފާހަގަ ކުރެވެ އެވެ.
ދިރާސާ ކުރުމުގައި ބައިވެރިވި ފަރާތްތަކުން ބުނާ ގޮތުގައި، ދިރާސާ އިން ފާހަގަވި ޓްރެންޑްތަކުގެ ސަބަބުން ޗައިނާގެ ސަރުކާރުން މިކަން ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވޭ ކަަމަށެވެ.
މިދިޔަ މަހު ޗައިނާގެ ސަރުކާރުން ވަނީ، ދަގަނޑާއި ބޯޓު ދެލި ނެގުމުގެ ސިނާއަތުން 1.8 މިލިޔަން ވަޒީފާ އުނިކުރުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
މިއަހަރަކީ، 25 އަހަރު ތެރޭގައި ޗައިނާގެ އިގްތިސާދީ ދުވެލި އެންމެ މަޑުޖެހިފައިވާ އަހަރު ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ. ސަބަބަކަށް ވަނީ، ޗައިނާ އިން އެކްސްޕޯޓު ކުރާ މިންވަރު ދަށްކޮށް، ބޮޑެތި އިންވެސްޓްމެންޓް މަޝްރޫއުތަކާ ދުރަށް ޖެހުމުގެ ސިޔާސަތެއް އެގައުމުގެ ސަރުކާރުން ތަންފީޒުކުރަން ފެށުމެވެ.