30 Apr 2011, 13:57
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު ވަކިވެގެންދާ ބޭފުޅަކާ އެކު ޕާޓީގެ އާންމު މެންބަރުން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވުމަށްޓަކައި މިއަދު ހެނދުނު ފެށި އެ ޕާޓީގެ އިންތިހާބުގައި، މާލޭގެ މީހުން ވޯޓުލުމަށް އެމްޑީޕީ ހަރުގޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށް ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބަށް ފަހު ވަކިވެގެންދާ ބޭފުޅަކާ އެކު ޕާޓީގެ އާންމު މެންބަރުން ނުދާނެ ކަމަށާއި ޕާޓީގެ ތާރީހުން އެކަން ފެންނަން އެބައޮތް ކަމަށެވެ.
"އާންމު މެންބަރުން ތިބޭނީ ވަކިވާ ބޭފުޅަކާއެކީގައި އެހެން ދާގޮތަކަށެއް ނޫން... އެކަން މާކުރިންސުރެ ފަށައިގެން އެގެމުން އައިއްސަ އޮތީ. ދެހާސް ހަވަނަ އަހަރު ވެސް 2007 އަހަރު ވެސް 2008 އަހަރު ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ބައިބައިވުން އުފެދިފައިނުވަނީ ޕާޓީގެ އާންމު މެންބަރުން އަމިއްލަ މަސްލަހަތު އިސްނުކުރާތީ ކަމަށާއި ވަކި އުސޫލްތަކެއް ގަބޫލް ކުރާތީ ކަމަށެވެ.
އެމްޑީޕީގެ ރައީސް ކަމަށް 2005 އަހަރު އިންތިހާބުވެވަޑައިގެންނެވި އިބްރާހިމް އިސްމާއިލް ]އިބްރާ[ އެ މަގާމުން އިސްތިއުފާދެއްވީ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މިހާރުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ. އަދި 2007 އަހަރު އަނެއްކާ ވެސް އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުވި ޑރ. މުހައްމަދު މުނައްވަރު އެ މަގާމުން އިސްތިއުފާދެއްވީ 2008 އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ގޮތުގައި ރައީސް ނަޝީދާ ވާދަކޮށް 5000 ވޯޓްގެ ތަފާތަކުން ޑރ. މުނައްވަރު ބަލިވުމާ އެކު މާގިނަދުވަސްތަނެއް ނުވެ، ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައި ފޮނުވި ސިޓީގައި ޑރ. މުނައްވަރު ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ ޕާޓީގެ ތެރޭގައި ހިނގާ "ޑިމެކްރެޓިކް ނޫން ނުފޫޒުތަކުގެ" ސަބަބުން ކަމަށެވެ.
މުނައްވަރު ވަކިވެވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ނުވަނީސް މުނައްވަރު ނިސްބަތްވެވަޑައިގަންނަވާ އައްޑޫގެ ގިނަ އެމްޑީޕީ މެމްބަރުންތަކެއް ވެސް ޕާޓީން ވަކިވި އެވެ.